ދުނިޔެ

އިންތިޚާބުގެ ނަތީޖާ އޮޅުވާލުމުގައި ޕާކިސްތާނުގެ އޮފިޝަލަކު ބައިވެރިވިކަމަށް އިއުތިރާފުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ އިންތިޚާބު އޮޅުވާލުމަށް އޭނާ އެހީތެރިވެދެއްވި ކަމަށް ޕާކިސްތާނުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

Ads by WAMCO

މިދިޔަ ހޮނިހިރު ދުވަހު އެގައުމުގެ ބާރުގަދަ އަސްކަރިއްޔާގެ މައި މަރުކަޒު އޮންނަ ރާވަލްޕިންޑީގެ ކޮމިޝަނަރު ލިއާކަތު އަލީ ޗައްތާ ވަނީ އޭނާ ފުލުހުންނާ ހަވާލުވެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެރިޔާ އާއި ގައުމުގެ އެންމެ އިސް ފަނޑިޔާރަށް ވެސް ދައުވާ ކުރައްވަމުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ބަލިވި މީހުން ކާމިޔާބު ކުރާ ބަޔަކަށް ބަދަލުކުރީ ގައުމީ މަޖިލީހުގެ 13 ގޮނޑިއަކުން 70،000 ވޯޓުގެ ފަރަގު އަނބުރާލައިގެން ކަމަށެވެ.

ޕާކިސްތާނުގެ ޑޯން ނިއުސްގައި ވާގޮތުން ކޮމިޝަނަރު ވަނީ 2024 ވަނަ އަހަރުގެ ބޮޑު އިންތިހާބު އޮޅުވާލުން ފަދަ ބޮޑެތި ޖަރީމާތަކުގައި ވަރަށް ބޮޑަށް ބައިވެރިވި ކަމަށް އިއުތިރާފުވެ ވަޑައިގެން "ގައުމުގެ ބުރަކަށީގައި ވަޅި ހެރުމަކީ" ނިދުމުގެ ފުރުސަތު ނުލިބޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އަދި އަޅުގަނޑަށް ކުރެވުނު އަނިޔާގެ އަދަބު ލިބެންޖެހޭނެ ކަމަށާއި އެ ބޭއިންސާފުގައި ބައިވެރިވި އެހެން މީހުންނަށް ވެސް އަދަބު ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗަތާގެ މި އިއުލާނާ ގުޅިގެން ރާވަލްޕިންޑީގެ ސީނިއާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އޮޕަރޭޝަންސް ކަމްރާން އަސްގަރް ޑޯން އަށް ވިދާޅުވީ ކޮމިޝަނަރު ހައްޔަރުކޮށްފައި ނުވަނީ އޭނާއާ ދެކޮޅަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާތީ ކަމަށެވެ.

ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ޗައްތާގެ ތުހުމަތުތައް ދޮގުކުރި ނަމަވެސް، އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "އިންކުއަރީއެއް ބާއްވާނެ" ކަމަށެވެ.

އިންތިހާބީ އިދާރާއިން ނެރުނު ނޫސް ބަޔާނެއްގައި އިތުރަށް ބުނެފައިވަނީ އެ ޕާޓީގެ އެއްވެސް އޮފިޝަލަކު "އިންތިހާބުގެ ނަތީޖާ އަށް ބަދަލު ގެނައުމަށް" ޗައްތާއަށް އެއްވެސް އިރުޝާދެއް ދީފައި ނުވާ ކަމަށެވެ.

ނަމަވެސް އެންމެ އިސް އެޑްވޮކޭސީ ގްރޫޕެއް ކަމަށްވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ޕާކިސްތާނުން ބުނީ މި އިއުތިރާފުން އެނގުނީ "ޕާކިސްތާނުގައި އޮޅުވާލުމުގައި ދައުލަތުގެ ބިއުރޯކްރަސީގެ ބައިވެރިވުން އޮތްކަން ހާމަވާން ފަށާފައިވާ" ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!