ޚަބަރު

އެމެރިކާގެ ފައިނޭންސް ކޯޕަރޭޝަނުން ރާއްޖޭގައި އިންވެސްޓު ކުރަނީ

އައިކާ ޔުނާން ، ދެން އޮންލައިން
ލޫ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އެމެރިކަން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ރާއްޖޭގައި އިންވެސްޓު ކުރުމުގެ މަޝްވަރާތައް ދިވެހި ސަރުކާރާ އެކު ކުރަން ފަށައިފިއެވެ.

Ads by Hajj Corporation

އެ މަޝްވަރާތައް ކުރަމުން އަންނަ ކަން ހާމަކުރައްވާފައިވަނީ އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ޑޮނަލްޑް ލޫ އެވެ.

ޔުނައިޓެޑް ސްޓޭޓްސް އިންސްޓިޓިއުޓް ފޯ ޕީސްގައި ބޭއްވި އިންޑޯ-ޕެސިފިކް ގުޅުމާ ބެހޭ ޕެނަލް ޑިސްކަޝަނެއްގައި ލޫ ވިދާޅުވީ, ރާއްޖޭގެ ދަރަނި ރީސްޓްރަކްޗާ ނުކުރެވިއްޖެނަމަ 2026 ވަނަ އަހަރު ރާއްޖެއިން 1.3 ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ދަރަނި އަދާކުރަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ އަދަދަކީ ދައުލަތުގެ އަހަރެއްގެ ބަޖެޓަށް ވުރެ ބޮޑު އަދަދެއް ކަމަށާއި ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތީ ވަރަށް ސީރިއަސް ހިސާބެއްގައި ކަމަށެވެ.

ރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވެފައިވާ މިފަދަ ގޮންޖެހުންތަކުން އަރައިގަންނަން ބޭނުންވަނީ ޕްރައިވެޓް ސެކްޓާ މެދުވެރިކޮށް ދެ ފަރާތަށް ވެސް ފައިދާވާނެ އިންވެސްޓުމަންޓުތަކެއް ކަން ފާހަގަކޮށް ލޫ ވިދާޅުވީ އެންމެ ފަހުން އޭނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގައި އިންވެސްޓު ކުރެވެން ހުރި ދާއިރާތައް ފެންނަން އެބަހުރި ކަމަށެވެ.

އޭނާ ވިދާޅުވީ, ރާއްޖެއާ އެކު އިންވެސްޓްމަންޓު އެއްބަސްވުމަކަށް ދިއުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި މި އެއްބަސްވުމުގެ ދަށުން ޔޫއެސް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން މިފަދަ ފަންޑިން ރާއްޖެ އަށް ދެވޭނެ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ދިވެހި ސިފައިންނަށް އެހީތެރިވެދިނުމުގެ ގޮތުން ހަތަރު ޕެޓްރޯލް އުޅަނދު ދޭން އެއްބަސްވެ، މަތިންދާބޯޓެއް ފޯރުކޮށްދިނުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ މި ބައްދަލުވުމުގައި ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!