ހަފްތާއެއް ތެރޭ މަސްވެރިންނަށް 100 މިލިއަން ރުފިޔާ ދޫކުރާނަން: ވަޒީރު ޝިޔާމް
ކުރިއަށް މިއޮތް އެއް ހަފްތާ ތެރޭގައި މަސްވެރިންނަށް ދޭން ޖެހޭ 100 މިލިއަން ރުފިޔާ ދޫކޮށް, މާޗު ފަސް ވަނަ ދުވަހުގެ ކުރިން ބެކްލޮގް އެއްކޮށް ފިލުވައި, ފައިސާ ދައްކައި ޚަލާސް ކުރާނެ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ވަޒީރު ހާޒިރުކުރިއިރު, އިތުރު ސުވާލުކުރުމުގެ ފުރުސަތުގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އެހެން ކަންކަމަށް ހަރަދު ކުރަނީތޯ ސުވާލުކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ޝިޔާމް ވަނީ މާޗު ފަސް ވަނަ ދުވަހުގެ ކުރިން މަސްވެރިންނަށް ދޫކުރަން ޖެހޭ 280 މިލިއަން ރުފިޔާ ދައްކައި ނިންމާނެ ކަމަށް ވިދާޅުވި ވާހަކަ ތަކުރާރުކުރައްވައިފައެވެ.
ޝިޔާމް ވިދާޅުވީ އޭގެތެރެއިން 100 މިލިއަން ރުފިޔާ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ކުރިން ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި, އޭގެ ފަހު ހަފްތާގައި މަސް ގެނެގެން ދޭން ޖެހޭ 26 މިލިއަން ރުފިޔާ މިފްކޯއިން މި ހަފްތާގައި ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
""މިހާރު އެކިއުމިލޭޓުވަމުންދާ ޚަރަދުތައް އެއީ މަހަށް މި ގެނެވުނު ބަދަލު ގެނެވުނު ފަހުން މި ހިނގާ ދުވަސްތަކުގައި ހަފުތާއިން ހަފުތާއަށް ފައިސާ ދައްކަން ވަނީ ހަމަޖެހިފައި،" ޝިޔާމް ވިދާޅުވިއެވެ.
މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަހުގެ ހަމަ އަގު މަސްވެރިންނަށް ދޭނެ ކަމަށް ކެމްޕެއިނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެފައެ އެވެ. އެކަމާ ގުޅިގެން ސުވާލުކުރުމުން ވަޒީރު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ވައުދުތައް ފުއްދަމުން އައީ ދައުރުގެ ފަހުކޮޅު ނުވަތަ އިންތިހާބުގެ ފުރަތަމަ ބުރު ނިމުމުން ނަމަވެސް މި ސަރުކާރުން ވެރިކަމުގެ ފުރަތަމަކޮޅު ވައުދުތައް ފުއްދާނެ ކަމަށެވެ.
މަސްވެރިންނަށް ފައިސާ ދިނުމުގައި މި ފަހަރު ދިމާވި އެންމެ ބޮޑު މައްސަލައަކީ މަހުގެ އަގަށް ކުރީ ސަރުކާރުން ގެނައި ބަދަލު ކަމަށާއި އޭގެ އިތުރުން ސަރުކާރަށް މާލީ ގޮތުން ބޮޑެތި އުނދަގޫތަކެއް ހުރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިންނަށް ފައިސާ ދިނުން ލަސްވާތީ އާދިއްތަ ދުވަހުން ފެށިގެން ދެކުނު މަސްވެރިން އަންނަނީ މުޒާހަރާ ކުރަމުންނެވެ. މަސްވެރިން ޑިމާންޑުކުރަމުން އަންނަނީ ދޭން ޖެހޭ ފައިސާ އެއްކޮށް ދިނުމަށެވެ. މުޒާހަރާތަކާ ގުޅިގެން ކޫއްޑޫގެ އޮޕަރޭޝަންތައް ވެސް ވަނީ ހުއްޓިފައެވެ.