ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރަސްމީކޮށް އެމްޑީޕީއާ ގުޅިވަޑައިގެންފި
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް މިއަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
ފައިސަލް، އެމްޑީޕީއާ ސޮއިކުރެއްވި ކަމުގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. އަރިހުގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލް ބައިވެރިވެވަޑައިގެންނެވިއެވެ.
ސޮއިކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ހުންނެވީ އެމްޑީޕީ ފިކުރުގައި ކަމަށާއި ތާއީދު ކުރެއްވީ ވެސް އެ ސިޔާސަތުތަކަމަށް ކަމަށެވެ.
"އެއީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެވޭނީ ރައްޔިތުންނަށް ހިތްހަމަޖެހޭ މިންވަރަށް ހިދުމަތް ކުރެވޭނީ މި ފިކުރުން. ރައްޔިތުންނާ މި ފިކުރު ގާތީ," އާ ގާނޫނު އަސާސީގެ ދަށުން ވެރިކަމުގެ ދައުރެއް ފުރިހަމަ ކުރެއްވި ހަމައެކަނި ފައިސަލް ވިދާޅުވިއެވެ.
ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ސޯލިހު ވިދާޅުވީ, ފައިސަލް އެ ޕާޓީއާ ގުޅިވަޑައިގަތުމަކީ ލިބުނު ހިތްވަރެއް ކަމަށާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމަލީ ގޮތުގައި ފައިސަލް ބައިވެރިވެވަޑައިގަންނަވާނެ ކަަމަށެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) އުފެދުނީއްސުރެ އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް 16 އަހަރަށް ފަހު އެ ޕާޓީން ވަކިވެވަޑައިގެންނެވީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.
ފައިސަލް ސިޔާސީ މަސައްކަތް ފެއްޓެވީ 2004 ވަނަ އަހަރު ރައްޔިތުންގެ ހާއްސަ މަޖިލީހުންނެވެ. އޭނާ ވަނީ ހާއްސަ މަޖިލީހުގެ ފުވައްމުލަކު މެންބަރުގެ މަގާމު އަދާކުރައްވާފައެވެ. އެއަށް ފަހު އެމްޑީޕީއަށް އުޅުއްވުމަށް ފަހު 2008 ވަނަ އަހަރު ޖޭޕީއާ ގުޅިވަޑައިގެންނެވިއެވެ.
ފައިސަލް ޖޭޕީން ވަޑައިގެންނެވިއިރު، އެ މަނިކުފާނާއި ޖޭޕީގެ ލީޑަރު ގާސިމާ މެދު މާ ބޮޑު ގުޅުމެއް ނެތެވެ. ނައިބު ރައީސްގެ މަގާމުގައި ފައިސަލް ހުންނެވިއިރު އެ ޕާޓީގެ ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައެއްނުގަންނަވަ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވެސް ގާސިމަށް ތާއީދު ކުރެއްވުމުގެ ބަދަލުގައި ފައިސަލް ތާއީދުކުރެއްވީ ރައީސް ސޯލިހަށެވެ. އަދި އަމަލީ ގޮތުން ކެމްޕެއިނުގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.