އަންޑަ ގްރައުންޑް ޕާކިން ފެސިލިޓީ ހެދުމުގެ ޕްލޭން އިފްތިތާހުކޮށްފި

ބައު ޖަމާލުއްދީންގައި އަންޑަރ ގްރައުންޑް ޕާކިންގ ފެސިލިޓީ އާއެކު ހިތްފަސޭހަ މައިދާނެއް ހެދުމުގެ ޕްލޭން އިފްތިތާހުކޮށްފިއެވެ.
މި ޕްލޭނު އާންމުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ބައު ޖަމާލުއްދީންގައި ބޭއްވުނު ރަސްމިއްޔާތުގައިއެވެ.
މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު، އަދި މިނިސްޓްރީގެ އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އިތުރުން، މާލެ ސިޓީ ކައުންސިލް ގެ މޭޔަރ އާދަމް އާޒިމް ވަނީ ބައިވެރިވެވަޑައިގެންފައިއެވެ.
މި މަޝްރޫއު އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 މަގު ޗާޓުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
ޕާކިންގެ މައްސަލައަށް ހައްލު ގެންއުމަކީ ރައީސްގެ ކެމްޕޭނު ވައުދުތަކުގެ ތެރެއިން ވައުދެއްކަން ފާހަގަކޮށްލެވެއެވެ.
ބުރާސްފަތި ދުވަހު ވަނީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާ މަގުޗާޓުގައިވާ ބޯހިޔާވަހިކަމުގެ ޕޯޓަލް، 'ހިޔާވަހި ޕޯޓަލް' ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
'ހިޔާވަހި ޕޯޓަލް' ރަސްމީކޮށް ލޯންޗުކޮށްދެއްވާފައި ވަނީ ޖެންޑަރ މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކާ ވަމުން މިނިސްޓަރ ޑރ. ޢަލީ ހައިދަރު ވިދާޅުވީ، މި ޕޯޓަލް އާ އެކު ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ދަފްތަރެއް ވެސް އެކުލަވާލެވިގެން ދާނެކަމަށެވެ.