ފުރަތަމަ ފަހަރަށް ހެޑް އޮފީހުން ބޭރުގައި ސްޓެލްކޯގެ ބޯޑު ބައްދަލުވުމެއް ބާއްވައިފި
ފުރަތަމަ ފަހަރަށް ހެޑު އޮފީހުން ބޭރުގައި ސްޓޭޓު އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ބޯޑު ބައްދަލުވުމެއް ބާއްވައިފިއެވެ.
އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ މިފަދައިން އެ ކޮމްޕެނީގެ މައި އޮފީހުން ބޭރުގައި ބޭއްވިގެން ދިޔަ ފުރަތަމަ ބޯޑު ބައްދަލުވުން ކަމަށެވެ.
ސްޓެލްކޯގެ މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ކ. ހިންމަފުުށީގައެވެ.
މި ބައްދަލުވުމުގައި ބޯޑުގެ ޗެއާމަން މުހައްމަދު ލަތީފު އަދި ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ އާއި ބޯޑުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެމްބަރުން ވަނީ ބައިވެރިވެޑައިގެންފައެވެ.
ސްޓެލްކޯއިން ބުނީ ވަނީ މިއީ މާލެ އާއި އަތޮޅުތެރެ އާއި ދެމެދު ހުރި ތަފާތުކުރުންތައް ނައްތާލުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން، ސްޓެލްކޯގެ ހިންގުމުގައި ކުންފުނިން ހިދުމަތްދޭ ރަށްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ އަމާޒާއި ދިމާލަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އެ ކުންފުނިން ދަނީ މިފަދަ ހިދުމަތްތަކާއި ތަފާތުކުރުންތައް ނައްތާލުމަށް އެތައް މަސައްކަތެއް ކުރަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކަށް 24 ގަޑިއިރު މެދު ކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ލިބޭނެގޮތް ކަށަވަރު ކޮށްދިނުމަށްވެސް ސްޓެލްކޯ އިން ދަނީ މަސައްކަތް ކުރަމުންނެވެ.