ޚަބަރު

ނޫމަރާ ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކޮށްދޭން ރައީސް ގާތު އެދިއްޖެ

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް ނޫމަރާ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

އާބާދީގައި ގާތްގަނޑަކަށް ފަސް ސަތޭކައެއްހާ މީހުން ދިރިއުޅޭ ށ. ނޫމަރާ ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަކަށް ބަދަލުކޮށްދޭން އެ ރަށު ކައުންސިލުން ރައީސް ޑރ މުހައްމަދު މުއިއްޒު އަރިހު އެދިއްޖެއެވެ.

Ads by STELCO

ކައުންސިލުން އެކަމަށް އެދުނީ އުތުރުގެ އަތޮޅުތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަނޑިތީމުގައި، ނޫމަރާ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައެވެ.

ކައުންސިލުގެ ނައިބް ރައީސް އިބްރާހިމް ރަޝީދު ''ދެން'' އަށް ވިދާޅުވީ ގާތްގަނޑަކަށް 90 ދަރިވަން ކިޔަވަމުންދާ އެ ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކޮށްދޭން ބެލެނިވެރިންނާއި ސްކޫލު ޓީޗަރުން އެދެމުންދާތީވެ އެ ވާހަކަ ރައީސްއާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

އެއް ދަންފަޅިއަށް ސްކޫލުތަކުގެ ކިޔެވުންތައް ބަދަލުކުރުމަކީ ނިމިދިޔަ ސަރުކާރުގެ ސިޔާސަތެއް ނަމަވެސް ދައުރު ނިމިގެން ދިޔައިރުވެސް އެ ރަށު ސްކޫލުގެ ކިޔެވުން އޮތީ އެއް ދަންފަޅިިއަށް ބަދަލުނުކުރެވިއެވެ.

ރަޝީދު ވިދާޅުވީ އެ ސްކޫލުގައި އިތުރު ފަސް ކްލާސް ރޫމެއް އަޅަމުންދާއިރު އެއް ދަންފަޅިއަށް ބަދަލުކުރުމަށް އަދި އިތުރު ކްލާސް ރޫމެއް ބޭނުންވާކަން ޕްރިންސްޕަލް މައުލޫމާތު ދީފައިވާ ކަމަށެވެ.

ކައުންސިލުން ވަނީ ބަނދަރު ބޮޑުކުރުމަށް ބޭނުންވާކަމަށާއި، ޒުވާނުންނަށް ހާއްސަ ކުޅިވަރުގެ ވަސީލަތް ގާއިމުކޮށްދިނުމަށް އެދިފައެވެ. އަދި ރައްޔިތުންގެ ޒަރޫރީ ބޭނުތައް ކަމުގައިވާ ފެނާ ކަރަންޓާ ނަރުދަމާގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް ބޭނުންވާކަމުގައިވެސް ކައުންސިލު މެމްބަރުން ވިދާޅުވިއެވެ. ފުލުހުންގެ ހިދުމަތް ދޭތަނެއް ގާއިމުކުރަން ބޭނުންވާކަމަށާއި، އަދި އާރްޓީއެލްގެ ހިދުމަތްދެއްވާ ގޮތާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!