ޚަބަރު

މުލަކުން ބަނގުރާ ފުޅިތަކެއް އަތުލައިގަނެފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

މ. މުލަކުން ބަނގުރާ ފުޅިތަކެއް އަތުލައިގަނެފިއެވެ.

Ads by Hajj Corporation

ފުލުހުން މިއަދު ބުނީ މުލަކަށް ބަނގުރާ އެތެރެކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން އެ ރަށުގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެގޮސްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަން ހިންގާފައި ވަނީ މުލަކު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން، ފެބުރުވަރީ 29 ވަނަ ދުވަހުއެވެ.

އެގޮތުން އެ އޮޕަރޭޝަނުގައި އެރަށު ބަނދަރާދިމާ ހޭޅިފަށް ބަލައިފާސްކުރިއިރު ފޮށިގަނޑެއްގައި ފޮރުވާފައިހުރި 20 ފުޅި ބަނގުރާ ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ މުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މުލަކުން ބަނގުރާ ފުޅި ތަކެއް ހުރި ފޮށިގަނޑެއް އަތުލައި ގެންފައި ވާއިރު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި 190 ފުޅި ބަނގުރަލާއި 67 ދަޅު ބިޔަރު އިއްޔެ ފުލުހުން ވަނީ ނައްތާލާފައެވެ.

ފުލުހުން ބުނީ ވިލިނގިލި ޕޮލިސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި އެ ތަކެއްޗަކީ 2023 ޑިސެންބަރު 26 އިން މި އަހަރުގެ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކޫއްޑޫ އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!