ޚަބަރު

ސިޔާމް ވިދާޅުވީ ރައީސްއާ އެކު ހުންނެވީ ރަށެއް، ފަޅެއް ބޭނުންވެގެން ނޫންކަމަށް

އަލީ ސަމާޙް ، ދެން އޮންލައިން

ރައީސް ޑރ މުހައްމަދު މުއިއްޒު އަރިހުގައި ރަށެއް ނޫނީ ފަޅެއް ދޭން އެދިވަޑައި ނުގަންނަވާނެ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު މިރޭ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ސިޔާމްގެ، މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލައިންސް (އެމްޑީއޭ) އިން ތާއިދުކުރީ އެމްޑީޕީއަށެވެ. ނަމަވެސް ދެވަނަ ބުރުގައި އެމްޑީޕީ ކޯލިޝަނުން ވަކިވެ އެ ޕާޓީން ތާއިދުކުރެއްވީ ރައީސް މުއިއްޒަށެވެ.

ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ސިޔާމް މަޖިލީހުގައި ތަމްސީލުކުރައްވާ ރ. މީދޫ ގައި ބޭއްވި ޖަލްސާގައި ސަރުކާރަށް ސަޕޯޓް ދިނުމަށް ރައްޔިތުން ގާތުގައި އެދެމުން ވިދާޅުވީ، ރައްޔިތުން ބޭނުންވާ ކަންތައް ކުރެވޭނީ ސަރުކާރަށް އެއްބާރުލުންދީގެން ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށްޓާކައި އެމްޑީއޭ އޮތީ ރައީސްއާ އެކު ކަމަށެވެ. ރައީސަށް ތާއިދު ކުރައްވަނީ އަމިއްލަ އެދުމެއް އޮވެގެން ނޫންކަމަށް ޔަގީންކަން ދެއްވިއެވެ.

''އަޅުގަނޑު ރައީސް ގާތު ނާހާނަން، ފަޅެއް ދޭކަށް ރަށެއް ދޭކަށް، އަދިވެސް ނާހަން، އަހާކަށްވެސް ނުވެސް ޖެހެނޭ'' ސިޔާމް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އުޅުއްވަނީ އިންޑިއާއާ ''ޖައްސާލައިގެން'' ކަމަށް ބުނަމުންދާ ބުނުމަށް ރައްދު ދެއްވަމުން ސިޔާމް ވިދާޅުވީ، އެއްވެސް ގައުމަކާއި ޖައްސާލައިގެން ނޫޅޭ ކަމަށާއި ހުރިހާ ގައުމަކާއި އެކީ ގުޅުން ބާއްވައި، ކުރިއަށްދާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ދައްކަނީ ''ފްލޯކު'' ވާހަކަތައް ކަމަށެވެ.

''އެއްވެސް ގުޅުމެއް ނެތް ބައެއް ގޮތުގައި އަޅުގަނޑުމެން ނިމިގެން ނުދާނެ، އިދިކޮޅު އެ ދައްކާ ވާހަކަތަކަކީ އަޅުގަނޑުމެން ރައީސްއާ ގުޅުމެއް ނެތް ވާހަކަ، ބޭރުން ދައްކާ ފްލޯކު ވާހަކައަށް އަޑުއަހައި އަޅުގަނޑުމެންގެ ތަރައްގީއަށް ހުރަސްއަޅަން އަޅުގަނޑުމެން ނިކުމެއްޖެ ކަމަށްވަންޏާ އެކަމެއް ފޮރުވިގެން ހިނގައިދާނެ'' ސިޔާމް ވިދާޅުވިއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!