ޚަބަރު

ވެންޓިލޭޓަރު މައްސަލައިގައި ގެއްލުނު ފައިސާ ލިބުން ނާރިދު: އުޝާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ވެންޓިލޭޓަރު މައްސަލަ މިހާރު ގޮސްފައިވާ ހިސާބުން ބަދަލު ލިބުން ނާދިރު ކަމަށް އެޓާނީ ޖެނަރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިއަދު ޑިފެންސް މިނިސްޓަރީއާއެކު އެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ކަންދިމާ ކުރި ގޮތުން އާބިޓްރޭޓާއަށް ދެކޮޅުން ދައްކަން ޖެހޭ ފައިސާ ވެސް ދައްކަން ޖެހުނީ ސަރުކާރުން ކަމަށެވެ. އެ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން ދާއިރު، އުޝާމް ވިދާޅުވި ގޮތުގައި އެ ފައިސާ ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ.

"އާބިޓްރޭޝަން ސެންޓަރަށް ދެކޮޅުން ދައްކަން ޖެހުނު ފައިސާވެސް ދައްކަން ޖެހުނީ ސަރުކާރުން. ވެންޓިލޭޓަރުތައް ނުލިބުތާ އާބިޓްރޭޝަނަށް ހުށަހަޅައިގެން ވެސް ދައުލަތުން ވަރަށް ބައިވަރު ހަރަދުތަކެއް ކުރަން ޖެހިފައި އޮތީ" އުޝާމް ވިދާޅުވިއެވެ.

އެ ފައިސާ ލިބުން ނާދިރު ނަމަވެސް އެ ފައިސާ ހޯދުމަށް ޓަކައި އެހެން ތަންތަނަށް މައްސަލަ ހުށަހަޅައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

"މިހާތަނަށް ކަން ހިނގައިދިޔަ ގޮތަށް ބަލާއިރު ވަރަށް އަންލައިކްލީ. އެހެން ނަމަވެސް އެ ފައިސާ ހޯދުމަށްތަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނަން" އުޝާމް ވިދާޅުވިއެވެ.

ކޮވިޑް ތެރޭގައި ސަރުކާރުން ވެންޓިލޭޓަރު ހޯދުމަށް ފައިސާ ދިނީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށެވެ. ވެންޓިލޭޓަރު ގަތުމަށް ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓަރސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2 އޭޕްރިލް 2020ގައެވެ. މި އެއްބަސްވުމުގެ ދަށުން، އެގްޒެކިއުޓަރސްއިން 75 ވެންޓިލޭޓަރު ފޯރުކޮށްދޭން ޖެހެއެވެ.

މި އެއްބަސްވުމާ ޚިލާފުވުމުން ބަދަލު ހޯދުމުގެ ގޮތުން ސަރުކާރުން އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ގައެވެ. އެގޮތުން، ވެންޓިލޭޓަރުގެ އަގަށްވާ ފައިސާ އާއި އެއްބަސްވުމާ ޚިލާފުވުމުން ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލާއެކު ޖުމްލަ 32،574،750 ރުފިޔާއަށްވާ 2.1 މިލިއަން ޑޮލަރު ހޯދުމަށް ވަނީ އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!