ޚަބަރު

ފެނަކައާ ހަވާލުކުރި ބައެއް އައިސްޕްލާންޓްތަކުގެ އެއްބަސްވުންތައް ބާތިލުކޮށް މިފްކޯއާ ހަވާލުކޮށްފި 

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީ ސަރުކާރުން ފެނަކައާ ހަވާލުކުރި އައިސްޕްލާންޓުތަކުގެ ތެރެއިން މަސައްކަތް ކުރިއަށްނުދާ އައިސްޕްލާންޓުތަކުގެ އެއްބަސްވުންތައް ބާތިލްކޮށްފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަސްވެރިކަމާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވީ، މިދިޔަ ސަރުކާރުން މިފްކޯއިން ހިންގަމުން އައި 17 އައިސްޕްލާންޓެއް ފެނަކައާ ހަވާލުކޮށްފައިވާ ކަަމަށެވެ. އޭގެ ތެެރެއިން މަސައްކަތްކުރިއަށް ނުދާ 8 ޕްލާންޓު މިހާރު މިފްކޯއާ ހަވާލުކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެެ.

"އޭރުގެ ސަރުކާރުން ނެންގެވި ޑިޒިޝަނެއް، މީގެތެރެއިން 9 އައިސްޕްލާންޓަކީ އަލަށް ގާއިމްކުރާ އައިސްޕްލާންޓުތައް، އައިސް ޕްލާންޓުތައް ވީހާވެސް އަވަހަށް ގާއިމްކުރުމަށް މަސައްކަތްކުރިއަށް ނުދާ 8 ޕްލާންޓު މިހާރުވަނީ މިފްކޯއާ ހަވާލުކޮށްފައި،" ޝިޔާމު ވިދާޅުވިއެވެ.

މި ނިންމުން ނިންމުމުގެ ކުރިން ފެނަކައާއެކު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ އެ މަސައްކަތްތަކާއި ފެނަކައިން ހަވާލުވެފައިވަނީ ބާޒާރުގައި އެ މަސައްކަތްކުރެވޭނެ އަގަށްވުރެ ދަށް އަގެއްގައި ކަމަށެވެ.

"ފެނަކައިން އޭރުގެ މެނޭޖްމަންޓުން މަސައްކަތްތަކާއި ހަވާލުވެފައިވަނީ ބާޒާރުގައި އެ މަސައްކަތްކުރެވޭނެ އަގަށްވުރެ ދަށް އަގެއްގައި ހަވާލުވެފައިހުރީ، އެ އަގުގައި އެ މަސައްކަތް ނުކުރެވޭނެތީ ދެ ފަރާތުން ވާހަކަ ދައްކައިގެން އެއްބަސްވުންތައް ބާތިލް ކުރީ،" ޝިޔާމު ވިދާޅުވިއެވެ.

ރާއްޖޭގެ 9 ސަރަހައްދެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްއެބަދެއެވެ. މި މަސައްކަތް ކުރިޔަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!