ޚަބަރު

ޔާމީން އުޅުއްވަނީ ރައްޔިތުންނާ ސަރުކާރާ ޖައްސުވަން: އަބްދުއްރަހީމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އުޅުއްވަނީ ރައްޔިތުންނާ ސަރުކާރާ ޖައްސުވަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ތުހުމަތު ކުރައްވައިފި އެވެ.

އަދުރޭ މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގައި އުޅޭ އިންޑިއާ ސިފައިންގެ އަދަދު 200 އަށް ވުރެ މައްޗަށް އަރާ ކަމަށް ޔާމީން ރޭ ތުހުމަތު ކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން އާންމު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދޭ އުސޫލުން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ރާއްޖޭގައި ތިބީ 87 އިންޑިއާ ސިފައިން ކަމަށް އެމްޑީޕީ ސަރުކާރުން ބުނި ބުނުން މި ސަރުކާރުން ވެސް ތަކުރާރުކޮށްފައިވާ ކަމަށާއި ނަމަވެސް ފޭދޫގައި އެކަނި އިންޑިއާ ސިފައިންގެ 200 މީހުން އެކި ނަން ނަމުގައި އުޅެމުންދާ ކަމަށެވެ. މި ސަރުކާރުން އެކަން ހާމަކުރަން ބޭނުން ނުވާ ކަމަށާއި 87 ގައި އަޅައިގަނެގެން ނުނެއްޓިގެން އުޅޭ ސަބަބެއް ނުވިސްނޭ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އދ. މަހިބަދޫ އަށް ވާދަކުރައްވާ އަހުމަދު ތޯރިގުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ މިއަހަރުގެ މޭ މަހުގެ 10 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބާނެ ކަމަށް ބުނުމުން 87 ސިފައިންގެ ގައިގައި އަޅައިގަނެގެން ނެއްޓެން ނޭނގިގެން ސަރުކާރަށް އުޅެނީ ކީއްވެގެންތޯ ބައެއް ބޭފުޅުން ވިދާޅުވަމުންދާ ކަމަށެވެ. އެ އަދަދު ސަރުކާރުން ބުނަމުން ދަނީ އެއީ ލިޔެކިޔުންތަކުން ފެންނަން ހުރި އަދަދަށް ވުމުން ކަމަށާއި އެ ސިފައިން ރާއްޖެ އިން ފައިބާނެ ކަމުގެ ލިޔެކިޔުންތަކުގައި މިހާރު ހުރީ ސޮއިކޮށްފައި ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ދެން ހަމަ ރައްޔިތުންނާ ސަރުކާރާ ޖެއްސުމުގެ ނިޔަތުގައި، ހެއްދެވިހާ ދޮގެއް ހަދައިގެން، އެމްޑީޕީގެ ފަލްސަފާ އަށް މިއަދު ތަބާވީމާ ދެން އެ ވާހަކަ އަޅުގަނޑުމެންނަށް އުނދަގޫ ވަނީ ގަބޫލުކުރަން،" އަދުރޭ ވިދާޅުވި އެވެ.

ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނަށް އިހުތިރާމާއި ލޯބި ހިތުގައި އެބައޮތް ކަމަށާއި ނަމަވެސް އެންމެ މުހިއްމީ ގައުމު ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ގައުމަށް ހިދުމަތް ކުރުމުގެ މަތިވެރި ރޫހެއްގައި ކަމަށާއި ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ ނިޔަތް ހަމައެކަނި އެމަނިކުފާނުގެ ހިތްޕުޅުގައި އޮތުމުގެ ބަދަލުގައި އެކަން އަމަލުން ވެސް ދައްކަވަމުންދާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

  1. އޭނާ މޮޔަވެއްޖެ އޭނާ ޖަލަށް ބަދަލު ކުރޭ އެހެންނޫނީ ޖަލު ހުސްކުރޭ ރޯދަޔަށް