ޚަބަރު

ޢުމްރާ ދަތުރަކާއިއެކު ހައްޖު ކޯޕަރޭޝަންގެ ރަމަޟާން ކުއިޒް ފަށައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޢުމްރާ ދަތުރެއް ހޯދުމުގެ ފުރުޞަތާއެކު ރަމަޟާން ޢުމްރާ ކުއިޒް 1445 ގެ ނަމުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކުއިޒެއް ފަށައިފިއެވެ.
މިކަންހާމަކޮށް އެ ކޯޕަރޭޝަނުން ބުނީ ދީނީ މަޢުލޫމާތު އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާ ގުޅޭ މަޢުލޫމާތުތައް އާންމުންނަށް ފޯރުކޮށްދިނުމަށް ފެށިގެންދިޔަ މި ކުއިޒްގައި ރަމަޟާންމަހުގެ ކޮންމެ ދުވަހެއްގައިވެސް 03 ސުވާލު އެ ކޯޕަރޭޝަންގެ ފޭސްބުކް ޕޭޖަށް އަޕްލޯޑްކޮށް ޖަވާބު ދިނުމުގެ ފުރުޞަތަށް ހުޅުވާލެވޭނެ ކަމަށެވެ.

Ads by Sosun Fihaara

އެގޮތުން ޢުމްރާ ދަތުރު ލިބިގެންދާނީ އެންމެ ގިނަ ސުވާލަށް ރަނގަޅު ޖަވާބު ދެއްވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަށް ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ މި ކުއިޒް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަކީ ޙައްޖާއި ޢުމްރާއަށް ދާން ގަސްތުކުރާ ދިވެހި ރައްޔިތުންނަށް ފަސޭހަކަމާއެކު މަތިވެރި އަޅުކަން އަދާކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީ، ޙައްޖު އަދި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ގަސްތުގައި ދުރާލާރާވައިގެން ރައްކާކުރާ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ އިތުބާރުހުރި ނިޒާމެއް ޤާއިމްކުރުމުގެ މަޤްޞަދުގައި 2013 ވަނަ އަހަރު ރަޢީސުލް ޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ސައްތައިން ސައްތަ ދިވެހި ސަރުކާރު ކުންފުންޏެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!