ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ. އަތޮޅުން ތިން މީހަކު ހައްޔަރަށް

ޙައްވާ އިނާޝާ ، ދެން އޮންލައިން

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ގައްދުއާއި ތިނަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިންމީހުން ހައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުން ބުނީ އެ އޮޕަރޭޝަންތަކުގެ ތެރެއިން ގައްދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި މަހު 10 ވަނަ ދުވަހު ގައްދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 37 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ ގދ. ތިނަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށު ގެއެއްގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މިގޮތުން މި މަހު 9 ވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 36 އަހަރުގެ ދިވެހި ފިރިހެނަކާއި 42 އަހަރުގެ ބިދޭސީ ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސްރަބަރު ޕެކެޓާއި މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ދިވެހި މީހާ ތިން ދުވަހަށް އަދި ބިދޭސީ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ. އަތޮޅުން ތިން މީހަކު ހައްޔަރު ކޮށްފައި ވާއިރު ފުލުހުން މިއަދު ވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެެރެއިން ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި 202 ފުޅި ބަނގުރަލާއި 77 ދަޅު ބިޔަރު ނައްތާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!