ޕާޓީ ދޫކޮށްނުލުމަށް ޝަރުތުކޮށް އެމްޑީޕީއިން މެންބަރުންނަށް ފައިސާ ދިންކަމުގެ ތުހުމަތު
އެމްޑީޕީ ދޫކޮށް ނުދިއުމަށް ޝަރުތުކޮށް އެ ޕާޓީއިން ބައެއް މެންބަރުންނަށް ފައިސާ ދިންކަމަށް މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ތުހުމަތުކުރައްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީގައި ކުރިއަށް ދިޔަ "އެންޓިޑިފެކްޝަން" ބިލުގެ ބަހުސްގައި، ހައިތަމް ވިދާޅުވީ، ނުހައްގުން މުއްސަނދި ވަނީ ޕާޓީގައި މެންބަރަކު ބެހެއްޓުމަށް ދޭ ފައިސާއިންތޯ ވެސް ބަލަން ޖެހޭ ކަމަށެވެ.
"އަޅުގަނޑަށް ހަމަ ވަރަށް ގިނައިން އަޑު އިވޭ ވާހަކައެއް އެތައް މިތަނުން. އެޕާޓީއިން ބަޔަކު ދިޔަނުދިނުމަށް ބޮޑު އަދަދުން ދީފައި އެބަ ބައިތިއްބައޭ. ހަމަ މިވެސް ހިނގާކަމެއް އިނގޭތޯ. ވާހަކަތައް ހުންނާނީ އަޑެއް ކިޔާނީ ކޮންމެވެސް ސަބަބަކާ ހުރެ" ހައިތަމް ވިދާޅުވި އެވެ.
ހައިތަމް ވިދާޅުވީ ބައެއް މެންބަރުން ޕާޓީއާ މެދު ހިތްހަމަ ނުޖެހި އެތައް ވާހަކަތަކެއް ދެއްކި ނަމަވެސް އޭނާ ޕާޓީއިން ނުކެނޑި ހުންނަން ޖެހޭ ސަބަބެއް ވެސް ބަލަން ޖެހޭ ކަމަށެވެ.
"ހަމައެކަނި ޕާޓީ ދޫކޮށްދިޔަ މީހުން ބޮލުގައި މިލިއަނުން މިލިއަނުން ފައިސާ އަޅުވާއިރު، އަޅުގަނޑު މި އަޅުވަނީ ޕާޓީގަ ތިބި މީހުން ބޮލުގަ ވެސް. ލާރި ދީފައޭ ބަހައްޓާފަ އެތިބީ" މީގެ ދުވަސްކޮޅެއް ކުރިން އިދިކޮޅު އެމްޑީޕީއިން ވަކިވި ހައިތަމް ވިދާޅުވި އެވެ.
ޕާޓީ ބަދަލުކުރާ މެންބަރުންގެ ދިފާއުގައި ވާހަކަ ދައްކަވަމުން ހައިތަމް ވިދާޅުވީ، މެންބަރުން ޕާޓީއިން ވަކިވަނީ ޕާޓީއިން މެންބަރުންނަށް ދޭން ޖެހޭ އެއްބާރުލުން ނުދިނުމުން ކަމަށެވެ.
މަޖިލީހުގައި ދެއްކެވި ވާހަކަފުޅާ ގުޅޭ ގޮތުން "ދެން"އަށް މައުލޫމާތު ދެއްވަމުން ހައިތަމް އިތުރަށް ވިދާޅުވީ, ޕާޓީން އަމަލު ކުރަމުން ގެންދިޔަ ގޮތުގެ ސަބަބުން އެތައް މެންބަރުންނެއް މާޔޫސްވެފައި އޭރު ތިބި ކަމަށެވެ. އަދި ޕާޓީ ދޫކުރައްވަން މަސައްކަތްޕުޅު ފެއްޓެވުމުން ކުރިން ފޯނު ނުނަންގަވާ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ވެސް ގުޅުއްވާ ހެއްދެވި ކަމަށް ވިދާޅުވިއެވެ. އަދި ބައެއް މެންބަރުން ޕާޓީން ވަކިވެގެން ނުދާން ފައިސާ ދިން ކަމަށާއި އެ ވާހަކަ ވެސް ދައްކަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ކުރީގެ މެންބަރު ހައިތަމް އެޕާޓީއިން ވަކިވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު 28 ގައެވެ. އެމްޑީޕީއިން ވަކިވެވަޑައިގެން ސަރުކާރު ހިންގާ ޕީއެންސީއާ އެ ދުވަހު ހައިތަމްއާއެކު 13 މެންބަރަކު ގުޅިވަޑައިގަތެވެ.
މި މެންބަރުން ޕާޓީ ބަދަލުކުރުމުން އެއީ ފައިސާއަށް ވިކިގެން ކަމަށް އެމްޑީޕީއިން ތުހުމަތުކުރެއެވެ. ނަމަވެސް މިބޭފުޅުން އެކަން ދޮގުކުރެ އެވެ.
އެމްޑީޕީއިން ވަކިވާން ބޭނުންވެ ވަކިނުވެ ތިބި މެންބަރުން އަދިވެސް ތިބިކަމަށް އޭރު, ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވިއެވެ.
"އެކިއެކި ސަބަބުތަކަށްޓަކައި، މަސްލަހަތަށްޓަކައި އަޅުގަނޑުމެންނާ ފާޅުގައި ގުޅިވަޑައި ނުގަތަސް، އަޅުގަނޑަށް ޕާސަނަލީ، އަމިއްލަ ހައިސިއްޔަތުން އެނގޭ، ހަމަ އެމްޑީޕީ މަޖިލިސް މެމްބަރުން އެބަ ތިއްބެވި އެމްޑީޕީ ޕީޖީ ގްރޫޕުގައި މަޑު ކުރައްވައިގެން ތިއްބެވި ބޭފުޅުން ވެސް،" 13 މެންބަރުން ޕީއެންސީއަށް ސޮއިކުރި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.