ޚަބަރު

ސިޔާސީ މުވައްޒަފަކު އަނެއްކާ ވެސް އިތުރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކު، ރައީސް ޑރ މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.

Ads by STELCO

މަގާމަށް އައްޔަންކޮށްފައިވަނީ ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއްވަންދެން މަސައްކަތްކޮށްފައިވާ ޝާހިދު ހުސެއިންއެވެ.

ގއ. ގެމަނަފުށީ ޒަމާނީ ޕްރީ ސްކޫލުގެ ޗެއާމަންކަމާއި ގެމަނަފުށީ ސްކޫލުގެ ސެކަންޑަރީ އަދި ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ޝާހިދު އެ މަގާމަށް އައްޔަންކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އޭނާ ވަނީ އެކަން މި ނޫހަށް ޔަގީންކޮށްދީފައެވެ.

ޝާހިދު އެ މަގާމަށް އައްޔަންކޮށްފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީއަށް އިތުރު ޑެޕިއުޓީ މިނިސްޓަރަކު ވެސް ވަނީ އައްޔަންކޮށްފައެވެ.

ޑެޕިއުޓީގެ މަގާމަށް އައްޔަންކޮށްފައިވަނީ ތައުލީމީ ދާއިރާގައި 10 އަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ، މުހައްމަދު ޝަހުރީދުއެވެ.

އިތުރު ބޭފުޅަކު ސިޔާސީ މަގާމަށް އައްޔަންކޮށްފައިވާއިރު، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، އިސްތިސްނާ ހާލަތްތައް ފިޔަވައި، ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރައްވާނެ ކަމަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ސަރުކާރަށް އައްޔަންކުރާ ސިޔާސީ މަގާމުތަކުގެ މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވާ ގޮތުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ވައުދު ފުއްދުމަށް ކުރިއަށް އޮތްތާގައި އިތުރު މަގާމުތަކަށް ބޭފުޅުން އައްޔަން ކުރާނެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރޭ ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 1500 އަށް ވުރެ ގިނަވެފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!