ޚަބަރު

މާލޭ މިސްކިތްތައް ބަލަހައްޓާނެ މީހުން ހޯދަން ތިން ވަނަ ފަހަރަށް އިއުލާންކޮށްފި

އައިޝަތު ނިއުޝާ ، ދެން އޮންލައިން
ސަލްމާން މިސްކިތް / ފޮޓޯ: ދެން އިމޭޖްސް

މާލެ ސަރަހައްދުގައި ހުރި މިސްކިތްތައް ބަލަހައްޓާނެ މީހުން ހޯދަން ތިންވަނަ ފަހަރަށް ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

Ads by Sosun Fihaara

މިއަދު މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުތަކެއްގައި މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި މިސްކިތްތައް ފޮޅާ ސާފްކުރުމާއި، ސުޕަވައިޒްކޮށް ބެލެހެއްޓުމާއި، މަރާމާތުކުރުމަށާއި، ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކުރުމުން މުވައްޒަފުން ބޭނުންވާކަމަށް ބުނެ އެވެ. ސިޓީ ކައުންސިލުން ވަނީ 133 މަގާމަކަށް މީހުން ބޭނުންވާކަމަށް ބުނެފަ އެވެ.

ސިޓީ ކައުންސިލުން ހުޅުވާލި ވަޒީފާގެ ފުރުސަތުތަކުގެ ތެރޭގައި، ވެލްޑަރުން، ކާޕެންޓަރުން، ޕްލަމްބަރުން، މަރާމާތުކުރާމީހުންނާއި މަސައްކަތު މީހުން ބޭނުންވާކަމަށް ބުނެ އެވެ. މި މަގާމުތައް ހުޅުވާލާފައި ވަނީ 6000  ރުފިޔާއާ 15000 ރުފިޔާއާ ދެމެދުގެ މުސާރަތަކަކާ އެކު އެވެ.

ވަޒީފާގެ ފުރުސަތުތަކަށް މީހުން ބޭނުވާތީ ކުރި އިއުލާނު އެކްސްގައި ޕޯސްޓުކުރުމަށް ފަހު މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ދިވެހިރާއްޖޭގެ މިސްކިތްތައް ދިވެހިންގެ އަތުން ބެލެހެއްޓުމަކީ ލިބޭ ފަހުރަކާއި ޝަރަފެއް ކަމަށެވެ.

އަދި ވީހާވެސް ގިނަ ބަޔަކު މި މަގާމުތަކަށް ކުރިމަތިލުމަށް އާޒިމް އެދިފައި ވެއެވެ.

މި ވަޒީފާތަކަށް ކުރިމަތިލެވޭނެ ފަހު ތާރީހަކީ މިމަހުގެ 28 އެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ދިވެހިން ހޯދުމަށް ތިންވަނަ ފަހަރަށް އިއުލާނުކޮށްފައިވާއިރު، މީގެ ކުރިން ދެ ފަހަރަކު އިއުލާނުކޮށްގެން ވެސް މީހުން ހޯދިފައެއް ނުވެ އެވެ. ސިޓީ ކައުންސިލުން ބޭއްވި ޖަލްސާއެއްގައި މޭޔަރު ވިދާޅުވީ މިސްކިތްތައް ބެލެހެއްޓުމަށް 114 މަގާމަކަށް މީހުން ހޯދަން ހުޅުވާލުމުން ވެސް ކުރިމަތިލީ އެންމެ 14 މީހުން ކަމަށެވެ.

އެދުވަހުގެ ޖަލްސާގައި ނިންމާފައި ވަނީ މިއީ އެ މަގާމުތަކަށް ދިވެހިން ހޯދުމަށް އިއުލާނުކުރާނެ ފަހު ފަހަރު ކަމަށެވެ. މިފަހަރު ދިވެހި މުވައްޒަފުން ނުލިބިއްޖެ ނަމަ އެ މަސައްކަތަށް ބިދޭސީން ގެނައުމަށް ސިޓީ ކައުންސިލުގެ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރި އެވެ.

މާލޭ މިސްކިތަތް ބަލަހައްޓަން މީހުން ހޯދަން އިއުލާނުކޮށްފައިވާއިރު، މިސްކިތްތައް ނުބެލެހެއްޓި ގިނަ މައްސަލަތަކެއް ކުރިމަތިވާކަން ކައުންސިލަރުން އެދުވަހު ފާހަގަކުރި އެވެ. އަދި މި މަސައްކަތަށް ބިދޭސީން ގެނައުމަކީ ބޭނުންވާ ގޮތް ނޫން ނަމަވެސް، މިފަހަރު ދިވެހިން ނުލިބިއްޖެ ނަމަ ގެނައުމަށް ނިންމާފައި ވެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!