މަޖިލީހުގެ ރައްދު ރައީސަށް: ކައުންސިލު މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ކުރެވޭނެ ކަމެއް ނެތް
ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގައި މަޖިލީހުން މިވަގުތަށް އަދާކުރަން ޖެހޭ އެއްވެސް ޒިންމާއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބުނެފިއެވެ.
މަޖިލީހުން މިހެން ބުނެފައިވަނީ އާންމުންގެ މީހަކު ކުރި ސުވާލަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ޖަވާބަކާ ގުޅިގެންނެވެ.
ކޮންމެ ދުވަހަކު ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު"ގައި މިދިޔަ ހޯމަ ދުވަހު އާންމުންގެ މީހަކު ރައީސްއާ ސުވާލުކުރީ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅާ ގުޅޭ ގޮތުންނެވެ.
ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތައް ގިންތިކޮށްފައި އޮންނަނީ ވަރަށް ދަށް ފަންތިއެއްގައި ކަމަށާއި މައިގަނޑު މައްސަލައަކީ އެއީ ކަމަށެވެ. ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ފިނޭންސް މިިނިސްޓްރީން ބޭނުންވިޔަސް މަޖިލީހުން ގިންތިކޮށްފައި އޮންނަ ގޮތުން އެކަން ނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެކަމަށް މިހާރު ވެސް ހައްލެއް ގެނެވޭނީ މަޖިލިސްގެ ތެރެއިން. މަޖިލިސްގެ ތެރެއިން ކަންތައްތަކެއް ކުރެވިގެން އެކަން ހައްލުކުރެވޭނީ،" ރައީސް ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވީ, އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ކައުންސިލް އިދާރީ މުވައްޒަފުންގެ މައްޗަށް ހިނގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށާއި އެ މުވައްޒަފުންގެ މުސާރަ ބަޔާން ކޮށްފައިވަނީ ސިވިލް ސާވިސްގެ ގަވައިދުގައި ކަމަށެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ މާލީ އިނާޔަތްތަކާއި މުސާރައިގައި ކަންކަން ކަނޑައަޅާނީ ފިނޭންސް މިނިސްޓަރުގެ ލަފަޔާއެކު ސިވިލް ސާވިސް ކޮމިޝަނުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާ ސާފުކޮށް މިކަން އޮތުމާއެކުގައި ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުން މިވަގުތުން މިވަގުތަށް ކުރަން ޖެހޭ އެއްވެސް އިތުރު ކަމެއް ނެތް ކަމުގައި ދަންނަވަން," ސަލީމް ވިދާޅުވިއެވެ.