ޚަބަރު

މޫސުމީ ބަދަލުތަކުގެ ސަބަބުން ގެދޮރު ގެއްލިދާކަށް ނޭދެން: އަސްލަމް

އައިޝަތު ނިއުޝާ ، ދެން އޮންލައިން
އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ 148 ވަނަ އެސެމްބްލީގެ ތެރެއިން -- ފޮޓޯ: މަޖިލިސް

މޫސުމީ ބަދަލުތަކުގެ ސަބަބުން ގެދޮރު ގެއްލި، ރެފިއުޖީންނަށް ވާން ނޭދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

އަސްލަމް އެހެން ވިދާޅުވީ، އިންޓަ ޕާލިމެންޓްރީ ޔޫނިއަންގެ 148 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ދެއްވި ތަގްރީރުގައެވެ. އެ އެސެމްބްލީގެ މިއަހަރުގެ ޝިއާރެއްގެ ގޮތުގާ ކަނޑައަޅާފައި ވަނީ، "ޕާލިމަންޓްރީ ޑިޕްލޮމެސީ: ބިލްޑިން ބްރިޖެސް ފޯ ޕީސް އެންޑް އަންޑަސްޓޭންޑިން" އެވެ.

އަސްލަމް ވިދާޅުވީ، ދިވެހިންނަށް ސުލްހަ އާއި އަމާންކަން ފުރިހަމަވާނީ މޫސުމީ ރައްކާތެރިކަން ލިބިގެން ކަމަށެވެ.

"މިއީ ފަސް ލައްކައެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ގައުމެއް. މޫސުމީ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ގެދޮރު ގެއްލިދާކަށް ބޭނުމެއްނޫން. ކްލައިމެޓް ރެފިއުޖީންނަކަށް ވާކަށް ދިވެހިން ބޭނުމެއްނޫން. އަހަރުމެންގެވެސް ސަގާފަތަކާއި އާދަކާތަކެއް އެބަހުރި. އަމިއްލަ ބަހަކާއި އަމިއްލަވަންތަކަމެއް އެބަހުރި. މި ހިތްގައިމު ރާއްޖޭގައި އަބަދުމެ އުޅެން އަހަރުމެން ބޭނުން." އަސްލަމް ވިދާޅުވި އެވެ.

ބިންތިރި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން މޫސުމީ ބަދަލުތަކަށް މަގުފަހިވާ ނޭދެވޭ އަމަލުތަކުގައި ރާއްޖޭގެ ހިއްސާ ކުޑަކަން ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް އެކަމުގެ އަގު އަދާކުރަން ޖެހޭ ގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނޭކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމްގެ ތަގުރީގުގައި ޓެރަރިޒަމާއި މަސްތުވާތަކެތީގެ މައްސަލައަށް އަދި ފަލަސްތީނުގައި ހިނގަމުން އަންނަ ލާއިންސާނީ އަމަލުތަކަށް އަލި އަޅުވާލި އެވެ.

މި އެސެމްބްލީ ކުރިއަށް ދާނީ މިމަހުގެ 23 އިން 27ގެ ނިޔަލަށް ސްވިޒަރލެންޑްގެ ޖެނީވާގަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!