ޚަބަރު

ނަޝީދަށް ދިން ހަމަލާއާ ގުޅޭ އާ މައުލޫމާތުތައް ހޯދަން އެދިއްޖެ

އައިކާ ޔުނާން ، ދެން އޮންލައިން
އިމްތިޔާޒް ފަހުމީ / ފޮޓޯ ދެން އިމޭޖަސް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅުންހުރި އިތުރު މައުލޫމާތުތަކެއް އެބަހުރި ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވިދާޅުވުމާ ގުޅިގެން އެ މައުލޫމާތު މަޖިލީހުން ހޯދައިދިނުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެދިވަޑައިގެންފިއެވެ.

Ads by STELCO

ވަޒީރުންނާ ސުވާލުކުރުމުގެ މިއަދުގެ ފުރުސަތުގައި އިމްތިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅުންހުރި އިތުރު މައުލޫމާތުތަކެއް އެބަހުރި ކަމަށާއި، އެ މައުލޫމާތު މަޖިލީހަށް ހިއްސާކުރައްވާނެ ކަމަށެވެ.

"އެހެން ނަމަވެސް އެމައުލޫމާތު އަޅުގަނޑުމެންނަށް ހިއްސާކުރެވޭނީ، ތިބޭފުޅުން އެ މައުލޫމާތު ހޯދަން މަސައްކަތް ކުރެއްވީމައި" މިނިސްޓަރު ޣައްސާން ނިންމާލަމުން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އިމްތިޔާޒް މިއަދު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ މި މައުލޫމާތުތައް ހޯއްދަވައި, މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއިން ދިރާސާކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މެއި 6، 2021 ގެ ރޭ އިރާކޮޅު ނަޝީދު އަވާހަރާކޮށްލަން ބޮމުގެ ހަމަލާއެއް ދިނީ އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ސެކުއިރިޓީއާއެކު މަޖީދީ މަގުގައި މަޑުކޮށްގެން އޮތް އެމަނިކުފާނު ކާރުކޮޅަށް ވަޑައިގަންނަވަން ދަނިކޮށެވެ. އެއީ ކަންމަތީގައި ޕާކުކޮށްފައިވާ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް އެ ބޮން ގޮއްވާލައިގެނެވެ.

މި މައްސަލާގައި ނުވަ މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، މިހާތަނަށް ހުކުމާ ހަމައަށް ވާސިލުވެފައި ވަނީ އެންމެ މީހެކެވެ. އޭގެ އަމަލީ ގޮތުން ބައިވެރިވެ އެ ވަގުތު އެ ސަރަހައްދުގައި ރިމޯޓް ހިފައިގެން އުޅުނު އަދުހަމް އެވެ. އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ކުށަށް އިއުތިރާފު ވުމުންނެވެ.

ދެން މި މައްސަލާގައި ހިމެނޭ އެންމެންގެ ޝަރީއަތްތައް ވެސް ކްރިމިނަލް ކޯޓުގައި އަދި ނުނިމެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!