ޚަބަރު

ތިނަދޫ ކައުންސިލަށް ސިޓީގެ ދަރަޖަ ދެވޭގޮތަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް ތިނަދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

އާބާދީގައި ހަ ހާއެއްހާ މީހުން ދިރިއުޅޭ ގދ. ތިނަދޫ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދެވޭގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

Ads by Sosun Fihaara

ގދ. އަތޮޅު ވެރިކަންކުރާ ރަށް ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ރަށެއް ކަމަށް މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާންކުރައްވާފައެވެ.

އެކަމަކު މިދިޔަ އަހަރު ޖެނުއަރީ މަހު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމީ އަލުން އިންތިހާބު ކުރެވެންދެން ތިނަދޫގައި އޮންނާނީ ރަށު ކައުންސިލެއް ކަމަށެވެ. އެހެންވެ އެ ދަރަޖަ އެ ކައުންސިލަށް ދިނުމުގައި ހުރި ހުރަސްތައް ނައްތާލަން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހިސާން ހުސެއިން ބިލް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ރައީސް މުއިއްޒު ތަސްދީގު ކުރެއްވި އެ ބިލުގައި ވާގޮތުން ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާއިރު އެ ރަށް ނުވަތަ ރަށްތައް ތަމްސީލުކުރާ ކައުންސިލްގެ ދައުރު ހަމަވުމަށް އެއް އަހަރު ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ، ސިޓީއެއްގެ ދަރަޖަ ލިބިގެންދާނީ އަލަށް އެކުލަވާލެވޭ ކައުންސިލްގެ އިންތިޚާބަށް ފަހުގައިކަން ބަޔާންކޮށްފައިވެއެވެ.

ނަމަވެސް އެ ކައުންސިލްގެ ދައުރު ހަމަވުމަށް އެއް އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއް އޮތްނަމަ، މި އިސްލާހުގައި ވާގޮތަށް އެ ރަށް ނުވަތަ ރަށްތަކަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި، ސިޓީއަކަށް ބަދަލުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ސިޓީއެއް އުފައްދަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ކަމުގައިވާނަމަ، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލް އެހިނދުން ފެށިގެން އުވުނީކަމަށާ އަދި އަތޮޅު ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ތަންތަނާއި، ދެމުން ގެންދިޔަ ހިދުމަތްތައް ކުރިއަށް ގެންދާނީ އެގޮތުން އުފެދޭ ސިޓީ ކައުންސިލުންކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އެ ގާނޫނު މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. ގާނޫނަށް އަމަލުކުރަން ފަށާނީ ގާނޫނު ފާސްވެ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!