ޚަބަރު

ފަސް އަހަރު ތެރޭ ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް، ސިފައިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން/ފޮޓޯ: އެމްއެންޑީއެފް

މި ފަސް އަހަރު ދުވަހުގެ ތެރޭގައި ސިފައިންނަށް ގެދޮރުވެރިކަން ޔަގީން ކޮށްދެއްވާނެ ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސް މުއިއްޒު އެހެން ވިދާޅުވީ ރޭ ސިފައިންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސިފައިންނަށް ބޭނުންވާ ކަންކަން ފަހިކޮށް ދެއްވުމަށް ވޭތުވެދިޔަ ދުވަސްތަކުގައި އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާ ކަމަށެވެ. އަދި، ސިފައިންގެ ގާބިލުކަން ވަރުގަދަކޮށް، ސިފައިންގެ ވެލްފެއާ ކަންކަން ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ސިފައިންނަކީ ވެސް ދިވެހި ރައްޔިތުންނަށްވާއިރު، ގެދޮރުވެރިކަން ނުވަތަ ބޯހިޔާވަހިކަމަކީ ސިފައިންނަށް ވެސް ބޭނުންވާނެ އެންމެ އަސާސީ ކަންތައް ކަަމަށެވެ.

އެހެންވެ ކުރިއަށް އޮތް ތަނުގައި ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކަމުގެ އެކިއެކި ސްކީމްތަކުގެ ތެރޭގައި، ގެދޮރުވެރިކަމަށް ބޭނުން ޖެހިފައިވާ ދިވެހި ސިފައިންނަށް ހާއްސަ ކުރެވިގެން އެކަށީގެންވާ އަދަދަކަށް އެކަން ހަމަޖެހިގެންދާ މިންވަރަށް މި ފަސް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަން ޔަގީން ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދުނިޔޭގައި މިހާރު ހިނގަމުންދާ ނޭދެވޭ ހުރިހާ އޮއިވަރުތަކުން ގައުމު ސަލާމަތްކޮށް، ކުރިއަށްއޮތް ޖީލުތަކަށް އަމާނާތްތެރިކަމާ އެކު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާއިރު، ކަނޑިއާއި ބަޑިއަށް ވުރެ މާނުރައްކާތެރި ހާލަތެއް (ފިކުރީ ހަނގުރާމަ) ކުރިމަތިވެފައިވާ ކަމަށެވެ.

އަދި، އެއިން ކޮންމެ ކަމެއްގައި ވެސް، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށް، ޒަމާނަށް އަންނަ ބަދަލާއެކުގައި، ކޮންމެ ސިފައިންގެ މީހަކީ ވެސް މި ވިސްނުމުގައި ޒަމާނާ އެއްގޮތަށް މިކަމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއްކޮށް، މި ޖީލު ސަލާމަތްކުރުމަށްޓަކައި، ޒަމާނާ ގުޅޭގޮތުން ކަންތައްތައް ކުރުމަށް ތައްޔާރުވެފައި ތިބި ބަޔަަކަށް ވާން ޖެހޭ ކަމުގައި ވިދާޅުވިއެވެ. އެހެންނޫނީ، ނޭނގި ހުއްޓައި ބީވެގެންދާނީ ޒުވާން ޖީލުގެ މުސްތަގްބަލު ކަމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރާ ކޮންމެ މަސައްކަތެއްގައި ވެސް އެންމެ ކޯ އަސާސްކަމުގައި ވާންވާނީ އިސްލާމްދީނުގެ އަގީދާގެ މަތީގައި ދެމިތިބެ، އިސްލާމްދީން ހިމާޔަތްކޮށް ބަލަހައްޓާ، ފަހުރުވެރިކަމާ އެކީގައި އެ ދީން ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރުން ކަމުގައި ވިދާޅުވިއެވެ.

އަދި ކާމިޔާބީގެ އަސްލަކަށް ވާންވީ، އަދި ވާނީވެސް، ވެފައި އޮތީވެސް އިސްލާމްދީނަށް ނަޞްރުދިނުންކަން ފާހަގަކުރައްވައި، ދިވެހި ޤައުމަށް ކުރިމަތިވި ކޮންމެ ނުރައްކާތެރި ހާލަތެއްގައި ވެސް، ޤައުމު ސަލާމަތްކުރި ކޮންމެ އަބްޠާލަކު އެ ކުރެއްވި ޖިހާދުގައި ވެސް މައިގަނޑު އަސާސްއަކަށް ހެއްދެވީ، އިސްލާމްދީން ނަގަހައްޓައި، ކުރިއަށް ގެންދިޔުން ކަމަށާއި، މިއީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމުގައި ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!