ޕީއެންސީ/ޕީޕީއެމް ލީޑާޝިޕުން ޔާމީނަށް ރައްދުދީފީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމްއަށް ހެޔޮ ނޭދޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވުމުން ސަރުކާރު ހިންގާ ކޯލިޝަނުގެ އިސްވެރިން ރައްދުދެއްވައިފި އެވެ.
ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީނު ވަނީ ޕީޕީއެމްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދިންކަން ފާހަގަކޮށްފަ އެވެ.
"ރައީސް މުއިއްޒުއާ ކައިރިގައި ތިބި އާރުކާޓީއިން ގެންދަނީ ޕީޕިއެމް ނައްތާލުމަށް މަސައްކަތްކުރުމަށް އެމިހުން ބޭނުމެއް ނުވޭ ޕީޕީއެމްއަށް އެއްވެސް ދިރުމެއް ދޭކަށް." ޔާމީނު ވިދާޅުވި އެވެ.
އަދި ސަރުކާރުން މަސައްކަތް ކުރަނީ ޕީޕީއެމްއަށް ފަސްއަޅައި ފޮރުވުމަށް ކަމަށް ވެސް ޔާމީނު ވިދާޅުވި އެވެ. ޕީޕީއެމްގެ ދަފްތަރުގައި މިހާރު މަޖިލީހުގައި ތިއްބެވި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްއާއި އަހުމަދު ތޯރިގުއަށް މަޖުބޫރު ކުރުވައިގެން ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލާކަަމަށް ޔާމީނު ވިދާޅުވި އެވެ.
ޔާމީނުގެ ވާހަކަފުޅާ ގުޅިގެން ޕީއެންސީ/ޕީޕީއެމް ކޯލިޝަނުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ސަރުކާރުގެ ވަޒީރުން ވަނީ ރައްދު ދެއްވާފަ އެވެ.
މި ސަރުކާރުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްއަށް ދިރުން ލިބޭނެ ގޮތާއި ނުލިބޭނެ ގޮތް އެނގޭނީ އެޕާޓީގެ ލީޑާޝިޕަށް ކަމަށެވެ. ޕީޕީއެމް/ޕީއެންސީ ހިންގަމުން ދަނީ ބަދަހި ގުޅުމެއްގެ ތެރެއިން އެކަތިގަނޑެއްގެ ގޮތުގައިކަމަށާއި، ދެޕާޓީގެ ލީޑަރަކީ ރައީސް މުއިއްޒު ކަމަށް ވިދާޅުވި އެވެ.
ޔާމީނު ދެއްކެވި ވާހަކަފުޅާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ޕީޕީއެމްއަށް ހެޔޮއެދޭ ބޭފުޅަކު ހަގީގަތާ ހިލާފަށް ވާހަކަތަކެއް ނުދައްކަވާނެ ކަމަށެވެ. އަދި ހެޔޮ އެދޭނަމަ އެބޭފުޅަކު ހުންނަވާނީ ޕީޕީއެމްގައި ކަމަށް ވެސް ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ ރައީސް މުއިއްޒު އިންތިހާބަށް ނިކުމެވަޑައިގަތީ ދެޕާޓީގެ ފުރިހަމަ ތާއީދާ އެކު ކަމަށެވެ، މިއަދުވެސް ހާލަތު އޮތީ އެހެން ަކމަށާއި، ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި ސާބިތުކަމާ އެކު ތިއްބަވާނެ ކަމަށް ވިދާޅުވި އެވެ.
ބޮނޑިބަތް ކެއްކިޔަސް ކާނެ ބަޔަކު ނެތް މިހާރު