ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ޔާމީން ބައިވެރިވުމުގެ ހުއްދައަށް އެދިއްޖެ
ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާގައި ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީން ބައިވެރިވެވަޑައިގަތުމުގެ ހުއްދައަށް އެ ޕާޓީން އެދިއްޖެއެވެ.
އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ޓެކްނޮލިޖީ މިނިސްޓަރު ޑރ. މުހައްމަދު މަލީހު ޖަމާލް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ މަތީގައި ހުންނެވި ކަމަށް އިއްޔެ ވިދާޅުވި ވާހަކަ ފާހަގަކުރައްވައި, ހުއްދައަށް އެދިފައިވާ ކަމަށް ވިދާޅުވެފައެވެ.
"ރައީސް ޔާމީން ޕާޓީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ބައިވެރިވުމުގެ ހުއްދައަށް އެދި ގާނޫނީ ޓީމުގެ ފަރާތުން މިއަދު ވާނީ ސިޓީ ފޮނުވާފަ. ބަހާ އަމަލާ ދިމާވޭތޯ ބަލާނީ ރައްޔިތުން," މަލީހު ވިދާޅުވިއެވެ.
ޔާމީން އިސްވެ ހުންނަވައި އުފައްދާ ޕީއެންއެފް އުފެއްދުމަށް ބާއްވަންޖެހޭ ހާއްސަ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެމަނިކުފާނު އަދިވެސް ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.
މިދިޔަ ސަރުކާރުގެ ފަހު ކޮޅު، ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއްދީ ޔާމީން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. އެ ލުއިތަކާއެކު ހުއްދަ ލިބެނީ އާންމު މެންބަރެއްގެ ހައިސިއްޔަތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދަ އެކަންޏެވެ. އެހެންވެ ޕޯޑިއަމްތަކުގައި ވާހަކަ ދެއްކުމުގެ ހުއްދައެެއްނޯވެއެވެ.
ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށް ފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމަށް އެ މަސައްކަތްކުރަން އީސީން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ. ޕީއެންއެފްގެ މަސައްކަތް ފެއްޓެވުމަށް ފަހު ޔާމީން ގެންދަވަނީ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވަމުންނެވެ.