Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އަނިޔާކުރި ކުއްޖެއްގެ އާއިލާއިން މާފަށް އެދި، ކުއްޖާ ރަނގަޅުކުރާނެ ކަމަށް ބުނެފި

އަނިޔާކުރި ކުއްޖެއްގެ އާއިލާއިން މާފަށް އެދި، ކުއްޖާ ރަނގަޅުކުރާނެ ކަމަށް ބުނެފި
އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޑަކުއްޖަކަށް އަނިޔާކުރުމުގައި ބައިވެރިވި އެއް ކުއްޖެއްގެ އާއިލާއިން އެ ކުއްޖާގެ ފަރާތުން މާފަށް އެދިއްޖެއެވެ. ރަސްދޫގެ މިސްކިތެއްގެ ތެރޭ ކުޑަކުއްޖަކަށް އަނިޔާކުރި ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެފައިވަނީ މި ހަފްތާގެ ތެރޭގައެވެ. އެ ވީޑިއޯއިން ފެންނަނީ މިސްކިތެއްގެ ފާހާނާގެ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އެ ކުއްޖާގެ ގައިގައި އެހެން ކުދިންތަކެއް ގޮށްމުށުންނާއި ކޮޅުފައިން ޖަހައި އަނިޔާކުރާ ތަނެވެ. އަދި ހަޑިހުތުރުބަހުން އެ ކުއްޖާ ދިމާލަށް އެއްޗެހި ކިޔާ އަޑުވެސް އިވެއެވެ. އާންމުވި ވީޑިއޯގައި އެ ކުއްޖާއަށް އަނިޔާކުރާ ކުދިން ދެނެގަނެ ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުން ފެށިއެވެ. އެ ކުއްޖާއަށް އަނިޔާކުރީ 13 އަހަރާ 14 އަހަރުގެ ކުއްޖަކު ވެގެންނެވެ. ފުލުހުންގެ ހިދުމަތާއި އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުވަނައިލް ޖަސްޓިސްގެ އޮފިޝަލުން ހިމެނޭ ޓީމެއް އެ ރަށުގައި ވަނީ ހަރަކާތްތެރިވާން ފަށާފައެެވެ. އޭގެ ތެރެއިން 14 އަހަރުގެ ކުއްޖާގެ އާއިލާގެ މީހަކު ރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ އަމަލު އާއިލާއިން ހަރުކަށި ކަމާއެކު ކުށްވެރި ކުރާ ކަމަށެވެ. އަދި އެ އަމަލަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ފަދަ އަމަލެއް ނޫން ކަމަށެވެ. އަދި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާއަށް ލިބިފައިވާ ބިރުވެރިކަމާއި ނަފްސާނީ ގެއްލުމަކީ އުމުރު ދުވަހު ހިތުގައި ހުންނާނެ ކަންތައްތަކެއްކަން ކަމަށާއި އެކަމާއި ހިތާމަކުރާ ކަމަށް އާއިލާއިން ބުންޏެވެ. ".. އަދި އަނިޔާ ލިބުނު ކުއްޖާގެ ކިބައިންނާއި އެކުއްޖާގެ އާއިލާގެ ކިބައިން މިކަމާ ހިތާމަކުރާ ހާލު މައާފަށް އެދެމެވެ" އާއިލާއިން ބުންޏެވެ. އާއިލާއިން ބުނީ އެ ޕޯސްޓް އެހެން ޖެހުމަށް މެދުވެރިވީ ރޭ އާންމުވެގެން ދިޔަ ސްކްރީންޝޮޓް ތަކެއްގައި އެ އާއިލާއަށް ނިސްބަތްވާ މީހަކު އަނިޔާ ލިބުނު ކުއްޖާއަށް މަރުގެ އިންޒާރުދީ ކޮމެންޓް ކޮށްފައިވާ ސްކްރީންޝޮޓްތަކެއް ދައުރުކުރުވަމުންދާތީ ކަމަށެވެ. އަދި މުޖުތަމައަށް އެ އާއިލާ އަކީ ބުލީކުރާ އާއިލާއެއްގެ ގޮތުގައި ސިފަކުރަމުންދާތީ ކަމަށެވެ.
އެހެންނަމަވެސް އެ ސްކްރީންޝޮޓް ތަކުގައި އޭނާ ބުނެފައިވާ ވާހަކަތަކަކީ މި އާއިލާއިން މި މައްސަލައާމެދު ދެކޭ ގޮތެއް ނޫނެވެ. އެއްވެސް އުމުރެއްގެ އެއްވެސް މީހަކަށް އެފަދައިން އަނިޔާވެރި ވުމަކީ މި އާއިލާއިން ބާރުދޭ ކަމެއް ނޫނެވެ. މިގޮތަށް އޭނާ (ކުއްޖާގެ ނަން އުނިކޮށްފައި) ދިފާއުކޮށް ކޮމެންޓް ކޮށްފައިވިޔަސް މި އާއިލާއިން (ކުއްޖާގެ ނަން އުނިކޮށްފައި) ދިފާއުކުރުމުގެ އެއްވެސް ގަސްތެއް ނެތެވެ
އޭނާ ކުރި ކުށަށް އަދަބު ލިބެންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށާއި އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެ އާއިލާއިން ވަނީ ދީފައެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމުގެ ކަންކަން އިދާރާތައް ގުޅިގެން ކުރަމުން އަންނައިރު ބުލީކުރާ ގިނަ އަދަދެއްގެ ވީޑިއޯތަކެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް