ޕީއެންއެފް އުފެއްދުމުގެ ޖަލްސާ މާދަމާ ރޭ، ޔާމީން ބައިވެރިވާނެ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާގައި މާދަމާ ރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ފީއެންއެފުން ބުނީ އެ ޖަލްސާގައި ގޭ ބަންދުގައި ހުންނެވި ޔާމީން އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެ ޖަލްސާގައި ޔާމީން ބައިވެރިވުމުގެ ހުއްދަ އެ ޕާޓީން އޮތީ އެދިފައެވެ. ޖަލްސާ އޮންނާނީ ގިޔާސުއްދީން ސްކޫލުގައެވެ. ޖަލްސާ ފަށަން ހަމަޖެހިފައިވަނީ ރޭގަނޑު އަށެއް ޖަހާއިރުއެވެ.
ޔާމީން އަކީ ގޭބަންދުގައި ހުރި ބޭފުޅަކަށްވާތީވެ، ޖަލްސާގައި ބައިވެރިވުމުގެ ހުއްދަ ކަރެކްޝަނުން ދީފައިވޭތޯ ސުވާލުކުރުމުން އެ އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖަލްސާގައި ބައިވެރިވާން އެދި ޔާމީންގެ ފަރާތްޕުޅުން ސިޓީއެއް ލިބިފައިވާ ކަމަށެވެ. އެކަމާއި ގުޅޭ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ޕީއެންއެފް އުފެއްދުމަށް ބާއްވަން ޖެހޭ ހާއްސަ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެމަނިކުފާނު އަދިވެސް ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.
މިދިޔަ ސަރުކާރުގެ ފަހު ކޮޅު، ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއްދީ ޔާމީން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. އެ ލުއިތަކާއެކު ހުއްދަ ލިބެނީ އާންމު މެންބަރެއްގެ ހައިސިއްޔަތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދަ އެކަންޏެވެ. އެހެންވެ ޕޯޑިއަމްތަކުގައި ވާހަކަ ދެއްކުމުގެ ހުއްދައެެއްނޯވެއެވެ.
ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށް ފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމަށް އެ މަސައްކަތްކުރަން އީސީން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ. ޕީއެންއެފްގެ މަސައްކަތް ފެއްޓެވުމަށް ފަހު ޔާމީން ގެންދަވަނީ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވަމުންނެވެ.