ޚަބަރު

ޝައްވާލް މަހުގެ ހަނދު ސާބިތުކުރުން މިރޭ، ފެނުމުގެ ފުރުސަތު ކުޑަ

ރައުފާ ރަޝީދު ، ދެން އޮންލައިން

މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by STELCO

ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ މިރޭ 20:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. ހަނދާ ބެހޭ ގޮތުން ނިންމާ ނިންމުން ޓީވީ އާއި ރޭޑިއޯ އަދި މިނިސްޓްރީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރާނެއެވެ.

ފަލަކީ އިލްމުވެރިންނާއި ދީނީ ކޮމިޓީތަކުން ލަފާކުރާ ގޮތުން ޝައްވާލް މަހުގެ ހަނދު މިރޭ ފެނުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ސަބަބަކަށް ވަނީ، ޝައްވާލް މަހުގެ ހަނދު އުފަންވެ މާދަމާ އިރު އޮއްސުމުގެ މާ ކުރިން އޮއްސޭނެ ކަމަށް ދައްކާތީއެވެ. ހަނދު ނުފެނިއްޖެނަމަ ޝައްވާލު މަހުގެ ފުރަތަމަ ދުވަސް އަދި ފިތުރު އީދު ދުވަހަށް ވާނީ މި މަހުގެ 10 ވާ ބުދަ ދުވަހެވެ.

ފަލަކީ ހިސާބުތައް ދައްކާގޮތުން މިރޭ ހަނދު ނުފެންނާނެ ކަމަށް ފަލަކީ އިލްމްވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ވިދާޅުވެފައެވެ.

ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައެވެ. އަތޮޅު ތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައެވެ.

ހަނދު ފެނިގެން އެ މައޫލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މައުލޫމާތު ދޭންވާނެއެވެ.

ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 1445 ރަމަޟާން 29 (2024 އޭޕްރީލް 08) މިއަދު ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެއެވެ.

ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަނދުބެލުން އޮންނާނެއެވެ. ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!