“ޢީދޭ އައީ”ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން މަދަހަ އަލްބަމެއް ނެރެފި

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަހަރުގެ ފިޠުރު ޢީދާ ގުޅިގެން “ޢީދޭ އައީ” ނަމުގައި މަދަހަ އަލްބަމެއް ނެރެފިއެވެ.
މި މިދަހަ އަލްބަމް ނެރުއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މަދަހަ އަލްބަމް ނެރުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ފިޠުރު ޢީދުގެ އުފާ ފާހަގަކުރަމުންދާއިރު، މަދަހަ އަލްބަމެއް އެ ވުޒާރާއިން ނެރުމުގެ މަޤްސަދަކީ މި މުނާސަބު ދުވަހުގައި ބޭނުންކުރުމަށް ކަމަށެވެ. ވީހާވެސްް ގިނަ ބޭފުޅުން މި މަދަހަތައް އަޑުއައްސަވައި ބޭނުން ކުރުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވައިފައެވެ. މި މަދަހަ އަލްބަމްގައި ކުރީގެ މަދަހަތަކާއި ފަހުގެ މަދަހަތައް ހިމެނޭނެއެވެ. އަދި މި އަލްބަމްގެ މަދަހަތައް ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.
މިއަދު ޢީދު ނަމާދަށް ފަހު ނެރުނު މަދަހަ އަލްބަމްގައި ހިމެނޭ ބައެއް މަދަހަތަކަކީ“ޢީދޭ އައީ”، “ޢީދުއައީ ހިނިތުންވަމުން”، “ޢީދު މުބާރަކް”، “ބަރަކާތްތެރި ޢީދުގެ ސަލާމް” އަދި “ތަހުނިޔާ ދޭށޭ ކިޔާ" ފަދަ މަދަހަތައް ހިމާނާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން ކުލަގަދަ ގޮތެއްގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ޢީދު ފާހަގަކުރަމުންދާއިރު، މިވުޒާރާއިން މިވަނީ ޢީދާއި ގުޅޭ މަދަހަތަކެއް އާންމުންނަށް އަޑުއަހާލެވޭގެ ގޮތަށް ގެނެސްދީފައެވެ.







ކޮމެންޓް