ސަރުކާރުން އިތުރު 11 ރަށެއްގައި އައިސްޕްލާންޓް ގާއިމް ކުރަނީ
މަސް ދޯނިފަހަރަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިތުރު 11 ރަށެއްގައި އައިސް ޕްލާންޓު ގާއިމްކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ރަށްރަށުގައި އައިސްޕްލާންޓުތައް އެޅުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ށ.ކޮމަންޑޫ، ޅ.ނައިފަރު، އއ.ރަސްދޫ، މ.ވޭވަށް، ދ.ބަނޑިދޫ، ދ.މީދޫ، ހއ.އިހަވަންދޫ އަދި ގދ.ރަތަފަންދޫގައެވެ.
އެ ވުޒާރާއިން ބުނީ މީގެ ތެރެއިން ފަސް ރަށެއްގައި އައިސްޕްލާންޓު އެޅުމަށް ފަންޑު ހަމަޖެހުނީ ސައުދީ ފަންޑު ފޯ ޑިވޮލޮޕްމެންޓުން ކަމަށާއި ބާކީ ރަށްރަށުގައި ގާއިމް ކުރަނީ ދައުލަތުގެ ހަރަދުގައި ކަމަށެވެ.
މި ހުރިހާ ރަށެއްގެ ޕްލާންޓު ގާއިމް ކުރުމަށް ވެސް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މިފްކޯއާއެވެ.
“މިފްކޯއަކީ ސަރުކާރުން މީގެ ކުރިންވެސް ހިންގާފައިވާ އައިސް ޕްލާންޓު ގާއިމްކުރުމުގެ ޕްރޮޖެކްޓުތައް ކާމިޔާބުކަމާއެކީގައި ނިންމާފައިވާ ކުންފުންޏަކަށްވާތީ، މި މަޝްރޫއުތައް ކާމިޔާބުކަމާއެކީގައި ނިންމާލުމަށް ކުރަންޖެހޭ ކަންކަން އެ ކުންފުންޏާ ގުޅިގެން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދެވޭނޭ ކަމުގެ ޔަގީންކަން އެބައޮތެވެ.” އެ ވުޒާރާއިން ބުންޏެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ބުނީ މި މަސައްކަތުގެ އިތުރުން މިހާރު ހުރި ޕްލާންޓުތަކަށް ދިމާވެފައިވާ މައްސަލަތައް މިފްކޯއާ ގުޅިގެން ހައްލުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
އަދި، ކުރީ ސަރުކާރުން ފެނަކައާ ހަވާލުކޮށްގެން ހިންގަމުން ދިޔަ ޕްލާންޓުތައް މިފްކޯއާ ހަވާލުކުރުމުހެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ބުންޏެވެ.