ޚަބަރު

ކައުންސިލަށް ކުރިމަތިލި ރަތްމަންދޫ ފެނަކަ މުވައްޒަފެއްގެ ސަސްޕެންޝަން އުވާނުލާތާ އެތައް މަހެއް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލި ކެނޑިޑޭޓެއްގެ ސަސްޕެންޝަން އުވާނުލާ ، މުސާރަ ނުލިބި އެތައް މަހެއް ހިނގަމުންދާ ކަމުގެ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

Ads by MWSC

ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނު ބުނާ ގޮތުގައި ވަޒީފާއެއް އަދާ ކުރަމުންދާ މީހަކު ކައުންސިލަށް ކުރިމަތިލައިފިނަމަ އެ މުވައްޒަފަކު މަގާމުން ސަސްޕެންޑް ވާނެއެވެ. އަދި ކައުންސިލަށް ނުހޮވިއްޖެނަމަ ވަޒީފާ އަލުން އިޢާދަ ވާނެއެވެ. ނަމަވެސް ކައުންސިލް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކޮވިޑް19 ރާއްޖެއަށް ވެސް ފެތުރެން ފެށުމާއެކު ، އިންތިޚާބު ވަނީ ފަސްކޮށްފައެވެ. އަދި ކައުންސިލަށް ކުރިމަތިލުމުގެ ސަބަބުން ވަޒީފާއިން ސަސްޕެންޑްވި ފަރާތްތަކުގެ ސަސްޕެންޝަން ވެސް އުވާލާ ، ވަޒީފާއަށް ނިކުމެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

"ދެން" އާއި ވާހަކަ ދައްކަމުން މ.ރަތްމަންދޫ ކައުންސިލަށް ޕީޕީއެމް އިން ކުރިމަތިލި ، އެރަށު ފެނަކަ ބްރާންޗްގައި މަސައްކަތް ކުރާ މުޙައްމަދު މިހާދު ބުނީ މިހާތަނަށް އައިއިރު ވެސް އޭނާގެ ސަސްޕެންޝަން އުވާނުލާ ކަމަށާއި އެކަން ނުވެގެން އުޅޭ ސަބަބެއް ސާފުކުރުމަށް ވެސް އެތައް މަސައްކަތެއް ކުރެވިއްޖެ ކަމަށާއި ނަމަވެސް މުޅިން އިވެނީ ސިޔާސީ ވާހަކަތައް ކަމަށެވެ. އޭނާ ބުނީ އެރަށު ފެނަކަ ބްރާންޗްގެ އެހެން މުވައްޒަފެއް ވެސް އަމިއްލަ ގޮތުން ކައުންސިލަށް ކުރިމަތިލި ކަމަށާއި އޭނާގެ ސަސްޕެންޝަން ވެސް އުވާލާ ، މިދިޔަ އޭޕްރީލް މަހު ވަޒީފާއަށް ނިކުމެފައިވާ ކަމަށެވެ.

މިހާދުގެ ސަސްޕެންޝަން އުވާނުލާ ވަޒީފާއަށް ނުނެރެހުރި ސަބަބާއި ގުޅިގެން ރަށު ބްރާންޗްގެ މެނޭޖަރާއި ވެސް ވާހަކަ ދެއްކި ކަމަށާއި ، އޭނާއަށް ވެސް ސަބަބެއް އޮޅުން ފިލުވައި ނުދެވުނު ކަމަށް މިހާދު ބުންޏެވެ. އަދި އެކަމާއި ގުޅިގެން ފެނަކައިގެ މައި އޮފީހަށް މެއި މަހުގެ 20 ވަނަ ދުވަހު ސިޓީ ފޮނުވި ކަމަށާއި އަދި ވެސް އެ ސިޓީގެ ޖަވާބު ނުލިބޭ ކަމަށް މިހާދު ބުންޏެވެ.

"މިކަމާއި އަހަރެން ގުޅިން ދާއިރާގެ މެމްބަރަށް ވެސް ، އެމްޑީޕީ ދާއިރާގެ ރައީސަށް ވެސް ، އޭނާ ވެސް ބުނީ ގެއްލުނު މަސްތަކުގެ މުސާރަ ވެސް ހަމަޖައްސާ ، ވަޒީފާއަށް ވެސް ނެރެދޭނެ ކަމަށް އެމީހުންނާ ގުޅިއްޖިއްޔާ'' މިހާދު ބުންޏެވެ.

މިހާދު ބުނީ ދިމާވި ކަންކަމާއި ހުރެ އޭނާ ހުރީ ވަރަށް ބޮޑަށް މާޔޫސް ވެފައި ކަމަށާއި، ސިޔާސީ މަގުސަދަކަށް ޓަކައި ހިންގަމުންދާ މިކަންކަމާއި މެދު ނުހަނު ހިތާމަ ކުރާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!