ޚަބަރު

ވައްކަން ކޮށްފައި ތިބި މީހުން ހައްޔަރުކުރުމަކީ ސިޔާސީ ބަދަލު ހިފުމެއް ނޫން: އަބްދުއްރަހީމް

އައިކާ ޔުނާން ، ދެން އޮންލައިން

ނިމިދިޔަ ސަރުކާރުން ހިންގާފައިވާ ހިޔާނާތްތަކާއި ވައްކަންތަކުގައި ބައިވެރިވެފައިވާ މީހުންގެ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީ ސިޔާސީ ގޮތުން ބަދަލު ހިފުން ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްމުޝީރު އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ އައްޑޫ ސިޓީގައި މިރޭ ބޭއްވި ކެމްޕެއިނު ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުންނެވެ.

ސޯލިހު ވިދާޅުވެފައިވަނީ މި ސަރުކާރުން ކަންކަން ކުރަމުން އަންނަނީ ނިމިދިޔަ ސަރުކާރުގައި ހޯދާފައިވާ ފައިސާ އިން ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅޫވީ, އެ ބޭފުޅުން ހޯދި ފައިސާއެއް ވިއްޔާ ހިފައިގެން ދިޔަ ކަން ސަރުކާރާ ހަވާލުވެ ބަލާލުމުން އެނގިގެން ދިޔަ ކަމަށެވެ.

"ފެނަކަ ކޯޕަރޭޝަން އެކަނި ހަތަރު ބިލިއަނުން ދަރުވާލާފައި އޮތީ. ދިވެހި ދައުލަތް އޮތީ ދިވެހި ރައްޔިތުންނަށް 9,000 މިލިއަން ރުފިޔާއިން ދަރައި, ވެރިކަން ދޫކޮށްލާފައި ދިޔައިރު. ރައްޔިތުން ނުކުމެ ވެރިކަން ބަދަލުކުރިއިރު," އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ, ދިވެހިރާއްޖޭގެ 4000 އަހަރުވީ ތާރީހުގައި ވެސް ނުވާ ވަރުގެ ދަރަނި ފަސް އަހަރުން ގައުމު ދަރަނިކޮށްލާފައިވާ ކަމަށެވެ.

މިކަންކަމަށް ޒިންމާވާ ފަރާތްތަކަށް އަދަބު ދިނުމަކީ ސިޔާސީ ބަދަލު ހިފުން ނޫން ކަމަށާއި އެއީ ގާނޫނުތަކާ ގަވައިދުތަކާ އެއްގޮތަށް ތަބާވުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ގާނޫނުގައި ބުނީ ވައްކަން ކުރުމުން އެ މައްސަލަ ބަލަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ފިޔަވަޅު ނާޅާނަމަ, މިނިވަން މުވައްސަސާތަކުގެ ބޭނުމެއް ނެތް ކަމަށް އަބްދުއްރަހީމް ސިފަ ކުރެއްވިއެވެ.

"މިދިޔަ  ސަރުކާރުގައި ވައްކަން ކޮށްފައި ތިބި މީހުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަކީ ރައީސް މުއިއްޒު ބަދަލު ިފުން ކަމަށް އެއްވެސް މީހަކު ގަބޫލެއް ނުކުރައްވާނެ," އަބްދުއްރަހީމް ވިދާޅުވިއެވެ.

"އެކަން ހޯދަން ވެގެން. އެކަން ކުރި ބަޔަކު ދެނެގަންނަން ވެގެން އެ މީހުން ކުރީ ކޮން ކަމެއްކަން އެނހެން ވެގެން މަޖިލީހަށް ޕީއެންސީ ކެންޑިޑޭޓުން ހޮވަން މިއުޅެނީ."

މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ކޮވިޑުގެ އެންމެ ދަތި ހާލަތުގައި ވެންޓިލޭޓަރުތައް ގަތުމަށް ހިންގި ހިޔާނާތެވެ.

"ހާދަހާ ބޮޑެތި ގެއްލުންތަކެއް އަޅުގަނޑުމެންނަށް ދީފިއޭ. ހާދަހާ ހިތްދަތިކަމާ ކުރިމަތިކުރުވާއިފިޔޭ. އަދަބެއް ސަދަބެއް އަހުލާގެއް އޮތް ބައެއް ނޫން, ގޮތެއް ފޮތެއް އޮތް ބައެއް ނޫން އެއީ." އިދިކޮޅަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މައްސަލަތައް ބެލުމުގައި "ކުޑަކެކުރިއެއް ބޮޑު ކެކުރިއެއް ނޯންނާނެ" ކަމަށާއި އެންމެންނަށް ޒިންމާކޮށް, ފިޔަވަޅު އަޅާނެ ކަމަށެވެ.

Ads by HDC
  1. އަބްދޫ

    ބަލަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ތަހުގިގު ކުރަންޖެހޭ ގަިނަ ކަންކަން އެބަހުރި މެނޭޖްމަންޓް އޮޑިޓާއި ފާފޯމަންސް އޮޑިޓް ކުރަންޖެހޭ ގިނަ އިދާރާ ތައް އެބަހުރި .ދަވްލަތުގެ ފައިސާ އަށް ހެދިގޮތްގޮތް ބަލަންޖެހޭ. ރައޔިތުންގެ އެކައުންޓް ތަކުންނެގި ފައިސާ ރައްޔިތުންގެ އެކައުންޓް ތަކަށް ޖަމާވާން އެބަޖެހޭ، މި ހުރިހާކަމެއްގެ ތަހުގިގު ހިގަންޖެހޭ.