ޚަބަރު

ޝިޔާމްގެ ރައްދެއް: ޖޭއެސްސީގައި އޮތީ އަސްލަމްގެ ބާރު، އެ ކަން ނިންމަންވީ

އަލީ ސަމާޙް ، ދެން އޮންލައިން
ޝިޔާމް ރައީސް މުއިއްޒުއާ ސަލާމްކުރައްވަނީ/ ރައީސް އަރިހު، އަސްލަމް/ ފޮޓޯ: ރައީސް އޮފީސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކޮމިޝަންގެ މެންބަރުކަމުގައި ހުންނަވާ މުހައްމަދުގެ އަސްލަމު ނުފޫޒު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝިޔާމް އެހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް މަޑުޖެހިފައިވަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް ހިތަދޫ އުތުރު ދާއިރާއަށް ފަސްވަނަ ދައުރަކަށް ވާދަކުރައްވާ އަސްލަމް ކުރެއްވި ތުހުމަތުތަކާއި ގުޅިގެންނެވެ.

ރޭ އެމްޑީޕީން ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު މަޖިލީސް ރައީސަކަށް އިންތިހާބުވެ ވަޑައިގެންނެވި އަސްލަމް ވިދާޅުވީ ޔާމީނަށް ހުކުމްކުރުން ލަސްވާ މައްސަލަ މިއަދު ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށެވެ.

އަސްލަމް އެހެން ވިދާޅުވެފައިވާ ވީޑިއޯ 'އެކްސް' ގައި ރީޕޯސްޓު ކުރައްވާ ނައިފަރު ދާއިރާގެ މެންބަރުކަން ދެ ދައުރެއްގައި ކުރެއްވި ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމްއާ އެމްޑީޕީން ގެންދަނީ ''ފުއް ގަނޑެއް މޮޑޭހެން'' ޖޭއެސްސީ ހިސާރުކޮށްގެން ކޯޓުތަކަށް ނުފޫޒު ފޯރުވަމުން ކަމަށެވެ. އެހެންވެ އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

''އަޅުގަނޑުމެން 21 އޭޕްރީލްގައި ތިކަން ނިމުމަކަށް ގެންނާނަން'' މި މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީ/ޕީޕީއެމް އިން މަޖިލީހުގެ މެޖޯރިޓީ ނަގާނެ ކަމަށް އިޝާރަތްކުރައްވާ ޝިޔާމް ވިދާޅުވިއެވެ. 

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި، ދެ މުއާމަލާތެއްގެ ތަހުގީގު ނިންމައި ޔާމީންގެ މައްޗަށް ދައުވާކޮށްފައިވެއެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލާގައި ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ. އެ މައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ.

އެ ހުކުމް އިސްތިއުނާފުކޮށް ހިންގި ޝަރީއަތް ހައިކޯޓުގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ނޮވެމްބަރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ މައްސަލައިގެ ފަހު ބަސް އިއްވުމެވެ. ދެން އޮންނަނީ ހުކުމް އިއްވުމެވެ.

ޖޭއެސްސީގައި އޮންނަނީ އެމްޑީޕީގެ ނުފޫޒު ކަމަށް ޝިޔާމް ވިދާޅުވެފައިވާއިރު، ކޮމިޝަންގައި ތިއްބަވަނީ އެމްޑީޕީގެ ދެ މެންބަރުއެވެ. އެއީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަސްލަމް އާއި ކޮމިޝަންގެ ރައީސަށް ހުންނެވި ތުޅަދޫ ދާއިރާގެ ހިސާން ހުސެއިންއެވެ. ރައީސް ޑރ މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފައިވާ ދެ މެންބަރުންނަކީ މުހައްމަދު ސަމީރު އާއި ބަންޑާރަނައިބު އަހުމަދު އުޝާމްއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!