ޚަބަރު

ތިން ރަށެއްގައި މަސް ފެކްޓްރީ އަޅަން ޗައިނާ ކުންފުންޏަކަށް

ފާރިހާ ޢަދުނާން ، ދެން އޮންލައިން
މަސް ފެކްޓްރީ އަޅަން މިއަދު ވެވުނު އެއްބަސްވުން ދައްކާލަނީ/ ފޮޓޯ: ފިޝަރީޒް

ރާއްޖޭގެ ތިން ސަރަހައްދެއްގައި މަސް ޕްރޮސެސްކުރާ ފެކްޓްރީތައް އެޅުމަށް ފިޝަރީސް މިނިސްޓްރީއާ ޗައިނާގެ ކުންފުންޏަކާއި ދެމެދު މިއަދު ސޮއިކޮށްފިއެވެ.

Ads by Sosun Fihaara

އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއެެވެ.

ރާއްޖޭގައި މަސް ޕްރޮސެސް ކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ އެއްބަސްވުމުގެ ދަށުން ޅ. ފެލިވަރާއި ދ. މާދެލި އަދި ގދ. ފިޔޯރީގައި މަސް ބަންދުކުރާ ފެކްޓްރީތައް ގާއިމުކުރާނެއެވެ.

ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، ފެލިވަރާއި ފިޔޯރީގައި އަޅާ ފެކްޓަރީ އަކީ 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ފެކްޓްރީއެއް ކަމަށެވެ. އަދި މާދެލީގައި އަޅަނީ 50 ޓަނުގެ ފެކްޓްރީއެއް ކަމަށެވެ.

"އެހެންކަމުން މި އޮތީ ދިވެހިރާއްޖޭގައި ގާތްގަނޑަކަށް މި ބާނާ 128،000 ޓަނު މަހުގެ ތެރެއިން ގާތްގަނޑަކަށް 63،000 ޓަނު އެވަރެޖްކޮށް އަހަރެެއްގެ ތެރޭގައި ރޯ މަހުގެ ގޮތުގައި މި ބޭރުކުރެވެނީ،"

މިނިސްޓަރު އިތުރަށް ވިދާޅުވީ، ގިނަ އަދަދަކަށް ރޯމަސް އެކްސްޕޯޓް ކުރަން ޖެހެނީ ސަރުކާރު ހިއްސާވާ މިފްކޯގައި މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ނެތުމުން ކަމަށާއި، ޑޮލަރުގެ ގޮތުގައި އެހާ ބޮޑު އަދަދެއް ރާއްޖެއަށް ނުލިބޭ ކަމަށެވެ.

ރޯމަސް އެކްސްޕޯޓް ކުރުމުން މިހާރު އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ލިބެނީ 91 މިލިއަން ޑޮލަރުކަން ޝިޔާމް ފާހަގަ ކުރެއްވިއެވެ. ނަމަވެސް އަލަށް ގާއިމުކުރެވޭ ފެކްޓްރީތަކާއެކު މަސައްކަތް ކުރަން ފެށުމާއެކު ޑޮލަރުން ލިބޭ އާމްދަނީ  އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިހާރު ލިބޭ 91 މިލިއަން ޑޮލަރު 180 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!