ތިން އަތޮޅަކަށް އާރްޓީއެލް ފެރީގެ ހިދުމަތް ފުޅާކުރަނީ، މ އަތޮޅުން މާލެއަށް ސްޕީޑް ފެރީ
މުލަކު އަތޮޅު އާއި މާލެއާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށާއި، އާރްޓީއެލް ފެރީގެ ހިދުމަތް ނ، ރ އަދި ބ އަތޮޅަށް ދިނުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ތިން އަތޮޅަކަށް އާރްޓީއެލްގެ ފެރީގެ ހިދުމަތް ފުޅާކުރުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ މަރިޔަމް ޝަހާނާއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދުއެވެ.
މުލަކު އަތޮޅާއި މާލެ އަތޮޅާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ދިނުމުގެ އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް އަހުމަދު އަހުމަދު ޝަމީމްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަބްދުﷲ ޒިޔާދުއެވެ.
މީޑީއާތަކާއި ވާހަަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މ އަތޮޅާ މާލެ ދެމެދު ސްޕީޑް ފެރީގެ ދަތުރުތައް ބާއްވަން ނިންމި ނިންމުމަކީ އެ އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް ޑރ މުހައްމަދު މުއިއްޒުއާ ހިއްސާކުރެއްވުމުން އެމަނިކުފާނު ނިންމެވި ނިންމުމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މ އަތޮޅާއި މާލެއާ ދެމެދު މިއަދުން ފެށިގެން ހަފްތާއަކު ދެ ދުވަހު ހައި ސްޕީޑު ފެރީގެ ދަތުރުތައް އޮންނާނެ ކަމަށެވެ. އަމީން ވިދާޅުވީ އެއްބަސްވުމުގެ ދަށުން ތިން އަތޮޅު (ނ،ރ،ބ) މި އަހަރު ތެރޭގައި އާރްޓީއެލްގެ ހިދުމަތް ފެށިގެންދާނެ ކަމަށެވެ.
އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ އެ ހިދުމަތާއި އެކު އަތްފޯރާ އަގުގައި މުލަކު އަތޮޅުން މާލެއަށް ދަތުރުކުރެވޭނެ ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި ނ، ރ އަދި ބ އަތޮޅުގެ ހުރިހާ ރަށެއްގައި އާރްޓީއެލްގެ ހިދުމަތް ފެށިގެންދާނެ ކަމަށެވެ.
އާރްޓީއެލްގެ ފެރީގެ ހިދުމަތަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށި ހިދުމަތެކެވެ.