ޚަބަރު

ސަރުކާރަށް މަގެއް ހަދައިދިނުމުގެ ފުރުސަތު ރައްޔިތުންނަށް ވެސް އެބައޮތް: އާދަމް ނަސީރު

އަލީ ސަމާޙް ، ދެން އޮންލައިން
މިނިސްޓަރު އާދަމް ނަސީރު: ވިދާޅުވީ ރައްޔިތުންނަށްވެސް މަގެއް ހެދުމުގެ ފުރުސަތު އޮތް ކަމަށް

ރައްޔިތުންނަށް ވެސް ރައީސަށާއި ސަރުކާރަށް މަގެއް ހެދުމުގެ ފުރުސަތު އެބަ އޮތްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރު އެހެން ވިދާޅުވީ އއ ތޮއްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ރަށު ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

އާދަމް ނަސީރު ވިދާޅުވީ އެ މަގަކީ ތަރައްގީއާ ކުރިއެރުމުގެ މަގުކަމަށެވެ. ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތަސައްވުރު ހަގީގަތަކަށް ހެދުމާ ދިމާޔަށް ގެންދެވޭނޭ ގޮތަށް ފުރުސަތު ފަހި ކޮށްދެއްވުމުގެ މަގު ކަމަށް ވެސް ވިދާޅުވިއެވެ.

ތޮއްޑޫގެ ތަރައްގީ ލަސްނުކޮށް، މި ސަރުކާރަށް މިވީ ފަސް މަސް ތެރޭގައި ތަރައްގީއާ ގުޅުން ހުރި، މިފަދަ މުހިންމު މަސައްކަތެއް ރަށުގައި ކުރިއަށް ގެންދަވަން ނިންމެވި ކަމަށްޓަކައި ތޮއްޑޫއަށް އުފަން ދަރިއެއްގެ ހައްސިއްޔަތުން އުފާފާޅުކޮށް، އެކަމަށްޓަކައި މިނިސްޓަރު ވަނީ ރައީސަށް ޝުކުރު ދަންނަވާފައެވެ.

އަދި 730 ދުވަސް ތެރޭ އެ މަޝްރޫއު ނިންމުމަށް އާރްޑީސީ އިން މިސްރާބު ހިފާފައިވާކަމީ މި ސަރުކާރުގެ ބާރު ސްޕީޑް ދައްކުވައިދޭ ކަމެއް ކަމަށާއި، މި ސްޕީޑަށް ރައްޔިތުން މަރުހަބާ ކިޔުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

އެރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓާ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަިލީ ޒާހިރު ވަނީ އެ މަސައްކަތް ނުހުއްޓި ނިންމޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަދި ތޮއްޑުއަކީ ފަތުރުވެރިކަމުގެ ރަށަކަށް ވާއިރު، މި މަސައްކަތުގެ އަމަލީ މަސައްކަތުގެ ސަބަބުން ރަށުގެ ފަތުރުވެރިކަމަށް ދަތި ނުވާނޭ ގޮތަށް މަސައްކަތް ކުރިއަށް ގެންދެވުމަށް ކުންފުނީގެ މުވައްޒަފުންނަށް އިލްތިމާސްކުރެއްވިއެވެ.

މިއީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ހިންގަން ނިންމާފައިވާ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން ތޮއްޑޫގައި 2.5 ކިލޯމީޓަރުގެ ހަތަރު މަގު ޒަމާނީ ފެންވަރަށް ހެދުމަށް ނިންމައި މިއަދު ވަނީ އަމަލީ މަސައްކަތް ފަށާފައެވެ.

އަދި ތޮއްޑޫގެ މަގުތަކުގެ ފެންހިންދާ ނިޒާމް ގާއިމްކޮށް މަގުތަކުގައި މަގުބައްތި ހަރުކޮށް ޒީނަތްތެރިކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!