ޚަބަރު

ދިއްގަރުގައި 75 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ދިއްގަރުގައި ހައުސިންގް ޔުނިޓް އަޅަން ހަވާލުކުރުން - ފޮޓޯ: ހައުސިންގް މިނިސްޓްރީ

މ. ދިއްގަރުގައި 75 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތް ހައުސިންގް، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓަރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

Ads by Sosun Fihaara

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހްމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ އަބްދުﷲ ޒިޔާދުއެވެ.

މި އެއްބަސްވުމުގެ ދަށުން އެޅޭ ހައުސިންގް ޔުނިޓްތަކުގެ އެޕާޓްމެންތެއްގެ ބޮޑުމިނަކީ 1،000 އަކަފޫޓެވެ. އެޕާޓްމެންޓެއްގައި 3 ކޮޓަރި އާއި، 3 ފާހަނަ އަދި ސިޓިންގް ރޫމާއި ބަދިގޭގެ އިތުރުން ލޯންޑަރީ އާއި ސްޓޯ ރޫމެއް ހިމެނެއެވެ.

އަދި މި ޔުނިޓްތަކުގައި ޕާކަކާއި، ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއްް ވެސް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.

ދިވެހި ސަރުކާރުގެ މި އަހަރަށް ކަނޑައެޅިފައިވާ ޕީއެސްޕީއައި ބަޖެޓުން ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 117,979,805.75 މިލިއަން ރުފިޔާއަށް ޖުމްލަ 420 ދުވަސް ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރާ ގޮތަށެވެ.

ދިއްގަރުގައި ހައުސިންގް ޔުނިޓް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މިދިޔަ މަހުގެ ހަވަނަ ދުވަހު އެރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެރަށުގައި 75 ހައުސިންގ ޔުނިޓުގެ މަޝްރޫއެއް މި އަހަރު ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި އޭގެ އިތުރަށްވެސް، ކުރިއަށް އޮތް ތަނުގައި، މި އަންނަ އަހަރުގެ ތެރޭގައިއާ އެކީގައި، އިތުރު ހައުސިން ޔުނިޓުތަކުގެ މަޝްރޫއު ހިންގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!