ޚަބަރު

މާދަމާ ވޯޓު ދޭންވީ ވަފާތެރިވާނެ ކެންޑިޑޭޓުންނަށް: މައުމޫން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކުރީގެ ރައީސް މައުމޫން؛ އިލްތިމާސްކުރެއްވީ ރަނގަޅު ކެންޑީޑޭޓުންނަށް ވޯޓު ދެއްވަން/ ފޮޓޯ: ދެން

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާއިރު ވަފާތެރިވާނެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ދިގު ތިރީސް އަހަރުގެ ވެރިކަމެއް ކުރެއްވި މައުމޫން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރަނގަޅަށް ވިސްނާފައި ކެންޑިޑޭޓުންނަށް ވޯޓުދޭން އިލްތިމާސް ކުރައްވާފައެވެ.

''ދީނާއި ގައުމަށް ވަފާތެރިވާނެކަމަށް ގަބޫލުކުރެއްވޭ ކޭންޑިޑޭޓުންނަށް ވޯޓުލެއްވުމަށް އިހްލާސަތެރިކަމާއެކު އިލްތިމާސްކުރަން'' ރާއްޖޭގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި މައުމޫން ވިދާޅުވިއެވެ.

މި އިންތިހާބުގައި އަމިއްލަ ގޮތުން އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާއިރު ދަރިކަލުން ފާރިސް މައުމޫން ވާދަކުރައްވަނީ މައްޗަށްގޮޅި އުތުރު ދާއިރާއަށެވެ.

މަޖިލީސް އިންތިހާބުގައި 368 ކެންޑިޑޭޓަކު ވާދަކުރާއިރު ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިން ކެންޑިޑޭޓުން ނެރެނީ އިދިކޮޅު އެމްޑީޕީންނެވެ. މި ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޓިކެޓުގައި 80 އަށް ވުރެ ކެންޑިޑޭޓަކު ވާދަކުރެއެވެ. ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި 89 ދާއިރާއަށް ކެންޑިޑޭޓުން ނެރެއެވެ. ނަމަވެސް ބައެއް ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ވަނީ އެހެން ކެންޑިޑޭޓުންނަށް ތާއިދުކޮށްފައެވެ. އެކަމަކު އެ ކެންޑިޑޭޓުންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެއެވެ.

ވޯޓުލުމުގެ ހައްގު ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު މީގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ.

ވޯޓުލުން ކުރިއަށްދާނީ ހެނދުނު އަށަކުން ހަވީރު 5:30 އަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!