ބައެއް މަރުކަޒުތަކުގައި ވޯޓު ސިއްރު ނުވާކަން ފާހަގަވޭ: ޓްރާންސްޕޭރެންސީ
މިހާރު ކުރިއަށްދާ މަޖިލިސް އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން ހަތަރު އިންސައްތަ މަރުކަޒުތަކުގައި ލާ ވޯޓުގެ ސިއްރުކަން ގެއްލޭކަން ފާހަގަކުރެވިފައިވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.
މަޖިލިސް އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު، ޓްރާންސްޕޭރެންސީގެ އޮބްޒާވަރުން ވޯޓުލާ މަރުކަޒުތަކުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ. އެގޮތުން، މާލެ އާއި އަތޮޅުތެރޭގެ އިތުރުން، ސްރީލަންކާ އަދި މެލޭޝިއާގައި ބަހައްޓާފައިވާ ވޯޓުފޮށި ކައިރީގައި 270 އޮބްޒާވަރުންނާއި ވޮލަންޓިއަރުން ހަރަކާތްތެރިވަމުންދާ ކަމަށް އެ ޖަމުއިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މިއަދު ވޯޓުލުން ފެށިފައިވަނީ ރަނގަޅު އިންތިޒާމުތަކާއެކު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ހެނދުނު 8:10 ގައި ވޯޓުލާން ފެށިފައިވަނީ 83 އިންސައްތަ މަރުކަޒުތަކުގައި ކަމަށާއި، ހުރިހާ މަރުކަޒުތަކުގައި 9:00ގެ ކުރިން ވޯޓުލުން ފެށިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނީ ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން 96 އިންސައްތަ މަރުކަޒުތަކުގައި ވޯޓު ސިއްރުކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި ބާކީ ހުރި ހަތަރު އިންސައްތަ މަރުކަޒުތަކުގެ ވޯޓު ސިއްރު ނުކުރެވޭކަން ފާހަގަކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން މި ހަތަރު އިންސައްތަ ވޯޓުލާ މަރުކަޒުތައް ވަރަށް ގާތުން ބަލަމުންދާކަން ފާހަގަކޮށްފައިވެއެވެ.
ވޯޓުލުން ފެށުނު އިރު 95 އިންސައްތަ މަރުކަޒުތަކުގެ ބޭރުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔަކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ޓްރާންސްޕޭރެންސީ އިން ވަނީ ވޯޓުލުން ކުރިއަށްދާއިރު އަދި އޭގެ ފަހުންވެސް ސުލްހަވެރިކަމާ ހަމަޖެހުން ގާއިމުކުރުމަށް އިލްތިމާސްކޮށްފައެވެ.
އީސީ އިން ދެންމެ އާންމުކުރި މައުލޫމާތަށް ބަލާއިރު، މިއަދު މެންދުރު 14:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ އަދަދަކީ 39.9 ޕަސެންޓެވެ. އެއީ 137،404 މީހުންނެވެ. ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 64،508 އަންހެނުންނާއި 72،896 ފިރިހެނުންނެވެ.
މި ހަބަރު ލިޔުމާއި ވޯޓު ނުލާ އަދި 43.74 ޕަސެންޓް މީހުން އެބަ ތިއްބެވެ.
މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވަނީ 284،663 މީހުންނަށެވެ.