"ފުޓްބޯޅައަށްޓަކައި، އަދި އަހަރެންނަށްޓަކައި މެސީ ބާސާގައި މަޑުކޮށްދީ"

ދުނިޔޭގެ ކުޅިވަރު ޚަބަރުތަކަށް ބަލައިލައިފި ނަމަ މިއަދު ފަލަ ސުރުހީތަކުން ފެނިގެންދާ ޚަބަރަކީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށްލަން އުޅޭ ވާހަކައެެވެ. މުޅި ކެރިއަރު އެ ކުލަބެއްގައި މެސީ ހޭދަކުރި ބާސެލޯނާ ދޫކޮށް ދާން ބޭނުންވާކަން ކުލަބުގެ މެނޭޖްމަންޓަށް އޭނާ ވަނީ އަންގާފައެވެ. ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކަށް މި ޚަބަރު ވެގެން ދިޔައީ ހައިރާން ކުރުވަނިވި ޚަބަރަކަށެވެ.
މި ޚަބަރާއެކު ކުރީގެ ފުޓުބޯޅަ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިންވެސް މި މައުޟޫގައި ދަނީ ވާހަކަ ދައްކަމުންނެވެ. އެގޮތުން ބާސެލޯނާއާއި ވާދަވެރި ރެއާލް މެޑްރިޑްގެ ތަރި ސާޖިއޯ ރާމޯސް ވެސް މިވަނީ މެސީގެ ކުރިމަގާއި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އޭނާ ބުނެފައިވަނީ އޭނާ ގަބޫލުކުރާ ގޮތުގައި ބާސެލޯނާގެ މުސްތަގުބަލަށް މެސީ އަކީ ވަރަށް މުހިއްމު މީހެއް ކަމަށާއި މެސީ ބާސާގައި މަޑު ކުރުމަށް އެދޭ ކަމަށެވެ. އަދި މުސްތަގުބަލުގައި މެސީއަށް ބާސާއާއެކު ގިނަ ކާމިޔާބީ ތަކެެއް ހޯދިދާނެކަމަށް އޭނާ ގަބޫލު ކުރެއެވެ.
ރާމޯސް އިތުރަށް ބުނީ މެސީ ބާސެލޯނާ ދޫކޮށް ދިއުމަކީ ސްޕެއިންގެ ފުޓުބޯޅައަށް އަދި ބާސެލޯނާއަށް އަދި އެންމެންނަށްވެސް އަސަރު ކުރާނެ ކަމެއް ކަމަށެވެ. އަދި އޭނާ ބާސެލޯނާގައި މަޑުކުރުމަކީ އޭނާ އެދޭ އެދުމެއް ކަމުގައިވެސް ރާމޯސް ފާހަގަ ކުރިއެވެ.
މެސީ ބާސެލޯނާ ދޫކޮށް މެންޗެސްޓަރ ސިޓީއަށް ބަދަލު ވާން އުޅޭ ކަމުގެ ޚަބަރުތައް މުޅި މީސްމީޑިއާގެ ތެރޭގައި ފެތުރެމުން ދާއިރު ރާމޯސް ބޭނުންވަނީ އޭނާގެ ކުލަބާއި އެންމެ ވާދަވެރި ކުލަބުގެ އެންމެ މޮޅު ކުޅުންތެރިޔާ އެ ކުލަބުގައި ބަހައްޓާށެވެ.