ނޮޅިވަރަމް ދާއިރާގެ އިންތިހާބި މެންބަރު ޕީއެންސީއަށް
އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރެއްވި މުހައްމަދު ރަޝީދު (ރަޝީދުބެ)، ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކޮށްފިއެވެ.
އެކަން ހާމަކޮށްފައިވަނީ ޕީއެންސީން ކުރި ޓްވީޓެއްގައެވެ.
ރަޝީދުބެ 20 ވަނަ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރީ ހަތަރު ކެންޑިޑޭޓުންނާ ވާދަކޮށެވެ. އޭގެ ތެރޭގައި ޕީއެންސީގެ އަހުމަދު އަޝްރަފްއާ މިހާރު އެ ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހިމެނެއެވެ. ރަޝީދުބެއަށް 722 ވޯޓު ލިބުނުއިރު އޭނާއާ އެންމެ ގާތުން ވާދަކުރި އަޝްރަފަށް ލިބުނީ 653 ތިން ވޯޓެެވެ. މޮސްޓާއަށް ލިބުނު ވޯޓުގެ އަދަދަކީ 426 އެވެ.
19 ވަނަ މަޖިލީހުގެ އިންތިހާބުގައިވެސް ރަޝީދުބެ ވާދަކުރިއެވެ. އެ އިންތިހާބުގައި އަށް ކެންޑިޑޭޓުންނާ ވާދަކޮށް ރަޝީދުބެއަށް ލިބުނީ ތިން ވަނައެވެ.
ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މެންބަރު ޕީއެންސީއަށް ސޮއިކޮށްފައިވާއިރު ސަރުކާރުގެ ތާއިދާއެކު އަލަށް މަޖިލީހަށް އިންތިހާބުވި ހަ މެންބަރުން ވަނީ މިއަދު ޕީއެންސީއާ ގުޅިފައެވެ. އެއާ އެކު ސަރުކާރު މެންބަރުންގެ އަދަދު މިހާރު ވަނީ 77 އަށް އަރާފައެވެ.
ޕީއެންސީ/ޕީޕީއެމް ޓިކެޓުގައި މަޖީލިސް އިންތިހާބު ކާމިޔާބު ކުރީ 66 ކެންޑިޑޭޓުންނެވެ.
ރޭ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގައި ޖުމްލަ 80 މެންބަރަކު ސަރުކާރާއެކު މަސައްކަތްކުރާނެ ކަމަށެވެ.
''އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ 80 މައްޗަށް އަޅުގަނޑުމެންގެ އަދަދު ހިނގައިދާނެ'' ފޮނަދޫ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ފަދައިން 80 މެންބަރުން ސަރުކާރާއެކު ތިބޭނެނަމަ މަޖިލީހުގައި ސަރުކާރާ ދެކޮޅަށް ތިބޭނީ ވާދަވެރި އެމްޑީޕީގެ 12 މެންބަރުންގެ އިތުރަށް އަމިއްލަ އެންމެ މެންބަރެކެވެ.