ވައިކަރަދޫ ފަޅުތެރޭ މަސްތައް މަރުވާ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަނީ

ހދ. ވައިކަރަދޫ ފަޅުތެރޭގައި މުށިމަސްތައް މަރުވަނީ އެރަށުގެ ފަޅު ހަދާފައިވާ ގޮތުން ކަމަށާއި، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް މިހާރު މަސައްކަތް ކުރެވެމުންދާ ކަމަށް ޕަބްލިކް ވޯކްސް މިނިސްޓަރ އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
އެރަށުގެ ފަޅުތެރޭގައި މަސްތައް މަރުވުމަކީ މީގެކުރިން ވެސް ދިމާވެފައިވާ މައްސަލައެކެވެ. ކައުންސިލުގެ އެކްޓިން އެސްޖީ މުހައްމަދު ރަބީއު މި ނޫހަށް ވިދާޅުވީ ފަޅުތެރެއަށް މަސް މަރުވާތީވެ މެރިން ރިސާޗް ސެންޓަރުން މީގެ ކުރިންވެސް ފެނުގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ، މި މައްސަލައަށް ދާއިމީ ހައްލެެއް ހޯދުމަށް އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރުއާއި މަޝްވަރާކޮށް، މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން "ދެން" އަށް އިތުރު މައުލޫމާތު ހިއްސާކުރައްވަމުން ޝަރީފް ވިދާޅުވީ، އެ މައްސަލަ ދިމާވާ ސަބަބެއް ކަމަށް ބެލެވެނީ އެރަށުގެ ފަޅު ހަދާފައި އޮތް ގޮތުން ކަމަށެެވެ. އެތަން ހަދާފައިވަނީ އެއްވެސް ވަރަކަށް އޮއި ނުދެމޭ ގޮތަށް ކަމަށާއި، އެހެންކަމުން މި ދުވަސްވަރަކީ ހޫނުގަދަ އަދި ކަނޑު މަޑު ދުވަސްވަރަކަށް ވުމުން ދިމާވާ މައްސަލައެއް ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ކޮންސްޓްރަކްޝަން މިނިސްޓްރީއާ ބައްދަލުކޮށް މަޝްވަރާ ކޮށްފިން. އެބޭފުޅުން މާދަމާ އެމްޓީސީސީއާ އެކު މަޝްވަރާ ކުރާނެ. މިއީ ބަޖެޓް ކޮށްފައި އޮތް ކަމަކަށް ނުވާތީ، މިކަމަށް އިތުރަށް ބަޖެޓް ވެސް ހޯދަން ޖެހޭނީ،" ޝަރީފް ވިދާޅުވިއެވެ.
އިތުރަށް ޝަރީފް ވިދާޅުވީ، އެރަށުގެ ފަޅަކީ މުށިމަހުގެ އިތުރުން މަންތާ ވެސް ވަންނަ ތަނަކަށްވެފައި، އެތަނަކީ ކަނޑުގައި އުޅޭ މަސްމަހާއި ސޫފި އާލާކުރުމަށް މަސައްކަތްކުރެވޭނެ ތަނަކަށްވާތީ، މި މައްސަލަ ހައްލުކުރުމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއާއި އެކުވެސް މަޝްވަރާ ކުރާނެ ކަމަށެވެ.