އެމްއެންޔޫގައި މެޑިސިން ކިޔަވާ ދަރިވަރުންގެ ކަންބޮޑުވުންތައް ރައީސް އޮފީހާ ހިއްސާކޮށްފި
އެމްއެންޔޫގައި މެޑިސިން ކިޔަވަމުން އަންނަ ދަރިވަރުންނަށް ކްލާސްތައް ނަގަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލުން ނިކުންނަން ޖެހިދާނެ ކަމާމެދު އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް އޮފީހާ ބައްދަލުކޮށް ދަރިވަރުންގެ ޝަކުވާތައް ހިއްސާކޮށްފި އެވެ.
އެމްއެންޔޫ ދަރިވަރުންގެ ޔޫނިއަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް އޮފީހުގެ އިސްބޭފުޅުންނާ އައިޖީއެމްއެޗާއި ގައުމީ ޔުނިވާސިޓީގެ އިސްވެރިން ވެސް ބައިވެރިވި ކަމަށެވެ.
މި ބައްދަލުވުމުގައި މި މައްސަލާގައި ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް ވަރަށް ތަފްސީލު ގޮތެއްގައި ހިއްސާކޮށްފައިވާ ކަމަށާއި ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުވާނެ ކަމުގެ ޔަގީންކަން ވެސް ލިބިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި މެޑިސިން ކިޔަވާ ދަރިވަރުންނަށް މިހާރަށް ވުރެ ރަނގަޅު ފެސިލިޓީއެއް ގާއިމް ކޮށްދެއްވާނެ ކަމުގެ ޔަގީން ކަން ލިބިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
"މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ދަރިވަރުންނަށް ދެރަ ގޮތެއް ނުވާނެ ކަމުގެ އުންމީދު ދެއްވުމުން އަޅުގަނޑުމެންގެ ހިތްތަކަށް ވަނީ ތަސައްލީ ލިބިފައެވެ." ބަޔާނުގައި ބުނެފައިވެއެވެ.
އަދި, މި މައްސަލައިގައި އެތައް ހާސް ކުދިންގެ މަސްލަހަތު ހިމެނޭއިރު މެޑިސިން ކިޔަވާ ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ފަންގިފިލާގައި މަޑުކުރެވޭނެ ކަމުގެ ޔަގީން ކަން އާ ވެފައިވާ ކަމަށް ވެސް ޔޫނިއަނުން ބުނެފައިވެއެވެ.
ދަރިވަރުންގެ ޔޫނިއަނުން ބުނީ މި މައްސަލައިގައި ދާއިމީ ހައްލަކާ ހަމައަށް ދިއުމަށް ވަގުތު ނަގާނެތީ, މިހާރު ވެސް ދަރިވަރުން ކިޔަވަމުން އަންނަ އިމާރާތުގައި ކިޔެވުން ކުރިއަށް ގެންދެވޭނެ ކަމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ.