ޚަބަރު

މަސައްކަތުގެ ބުރަ ކުޑަކުރަން އަޑު އުފުލައިފި

އަލީ ސަމާޙް ، ދެން އޮންލައިން

މަސައްކަތުގެ މާހައުލުގައި، މަސައްކަތްތެރިންނަށް އުފުލަން ޖެހޭ ބުރަ ކުޑަކޮށް ދިނުމަށާއި، މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ގޮވާލައި އަޑު އުފުލައިފިއެވެ.

Ads by MWSC

މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަސް (މޭޑޭ) އާ ގުޅިގެން މާލޭ ގައި ރެލީއެއް ބޭއްވިއެވެ. ހަވީރު 4:30 އެހާކަށްހާއިރު ރަސްފަންނު ސަރަހައްދުން ފެށި ރެލީ އިންތިޒާމް ކުރީ ރާއްޖޭގައި ހިންގާ ހަ ޔޫނިއަންއަކުންނެވެ. އެ ރެލީ ލީޑްކުރީ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިންނެވެ.

ގާތްގަނޑަކަށް ދޮޅުގަޑިއިރަށް ކުރިއަށް ދިޔަ ރެލީގެ ބައިވެރިން މުޅިންހެން ފާޅުކުރި މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތަކެވެ. އެ މައްސަލަތަކަށް ގެންނަން ބޭނުންވާ ހައްލުވެސް އެ މީހުން ދިޔައީ ކިޔައިދެމުންނެވެ.

ހިނގާލުމުގެ ބައިވެރިން ތިބި އެމީހުންގެ ޝުއޫރުތައް ލިޔެފައިވާ ބެނާތަކާއި ޕޯސްޓަރުތައް ހިފަހައްޓައިގެންނެވެ. މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތަކަށް ކަމާއި ބެހޭ ފަރާތްތަކުން ހައްލު ހޯދައިދޭން ހަރު އަޑުން ގޮވާލިއެވެ.

ޔޫނިއަންތަކުން ފާޅުކުރި ކަންބޮޑުވުންތަކާއި، ގެންނަން ބޭނުންވާ ހައްލު:

  1. ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު 50 އިންސައްތާގައި ހިފެހެއްޓުން. މަސައްކަތްކުރާ ބޭރު މީހުންގެ އަދަދު މަދުކޮށް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުން
  2. މަސައްކަތްތެރިންނަށް ކޮންމެ ހަފްތާއެކު ދެ ދުވަސް އޮފް ދުވަހުގެ ގޮތުގައި ކަނޑައެޅުން
  3. މިނިމަމް ވޭޖްގައި ބިދޭސީން ހިމެނުން
  4. ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މީހުންނަށް ތުނބުޅި ބެހެއްޓޭނެ ގޮތް ހެދުން
  5. ވަޒީފާތަކަށް ބިދޭސީން ރާއްޖެއަށް އެތެރެކުރުން މަދުކުރުން
  6. މަސައްކަތްކުރާ ވަގުތު 6 ގަޑިއިރަށް ބަދަލުކުރަން
  7. މަސައްކަތްތެރިންނަށް މެދުގައި އޮންނަ ތަފާތުކުރުން ނައްތާލުން
  8. މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން / ސަޕޯޓް ސްޓާފުންގެ މުސަރާ ބޮޑުކުރުން
  9. ސިއްހީ ދާއިރާގެ އޯޓީ ގެޕް އުވާލަން
  10. ޓީޗަރުންނަށް އޯވާ ލޯޑްކުރުން މަދުކުރުން

''މަސައްކަތްތެރިން ކުރާ މިންނެތް މަސައްކަތަކީ ބަލައިގަންނަން ޖެހޭ ކަމެއް. މަސައްކަތްތެރިންނަށް ހަގީގަތުގައި ރަނގަޅަށް މަސައްކަތް ކުރެވޭނީ އުފަލާއެކު މަސައްކަތްކުރާނެ ފުރުސަތު ލިބިގެން، މަސައްކަތުގެ މާހައުލުގެ ކަށަވަރުވެގެން'' ރެލީގައި ބައިވެރިވި މަސައްކަތްތެރިއަކު އޭނާގެ ޝުއޫރު ފާޅުކުރަމުން ބުންޏެވެ.

ރެލީ ނިންމަލީ އާޓީިފިޝަލް ބީޗް ސަރަހައްދުންނެވެ.

  1. ޙައްވަ

    ސިވިލް ސާވިސްގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރައްވާ ޓީޗަރުން ކޯސްހެދުމުން ލިބެންޖެހޭ ސެޓްފިކެޓް އެލަވަންސް ނުލިބޭތީ އިންތިހާއަށް ކަންބޮޑުވަމެވެ. އަޅުގަނޑުމެން ކިޔަވަނީ ވަރަށްބޮޑު ހަރަދެއްކޮށްގެންނެވެ. މިއީ ހަމައެކަނި އަޅުގަނޑުމެންގެ ކުރިއެރުމަށް ކުރާ މަސައްކަތެއްވެސް ނޫނެވެ. މީ ދަރިވަރުންގެ ކުރިއެރުމަށް ވެސް ކުރާ މަސައްކަތެކެވެ. ވީމާ އޮނިގަޑަށް އައިބަދަލާއި ގުޅިގެންނޭ ކިޔާފަ ޓިޗަރުންގެ ހައްގުތައް ހިފެހެއްޓުމަކީ ކިޔަވާދިނުމުގެ ދާއިރާއަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމެއް ކަމުގައި ދެކެމެވެ. އަދި މިމައްސަލަ ހައްލުކޮށް ދެއްވުމަކީ ކަމާއިބެހޭ މުއައްސަސާތަކުގެ ޒިއްމާއެއް ކަމުގައި ވެސް ދެކެމެވެ.