ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭ ރައްޔިތުންގެ ތަނެއްގެ ގޮތުގައި: ސަރުކާރު

މާލޭ ރައްޔިތުން ދަތުރު ދާނެ ރަށެއްގެ ގޮތުގައި ނިމިދިޔަ ސަރުކާރުން ތަރައްގީކުރި ޕިކްނިކް އައިލެންޑް، ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭ ރައްޔިތުންގެ ތަނެއްގެ ގޮތުގައި ކަމުގެ ޔަގީން ކަން ސަރުކާރުން ދީފިއެވެ.
ސަރުކާރުން މިހެން ބުނެފައިވަނީ ކުޑަގިރި އަތުލައި، އެތާގައި ގެސްޓްހައުސް އަޅަން ސަރުކާރުން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަ އާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު “އެކްސް”ގައި ވިދާޅުވީ، ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ޚާއްސަ ތަނެއްގެ ގޮތުގައި ކަމަށެވެ.
ހީނާ ވިދާޅުވީ، މިހާރު ހުރި ވަސީލަތްތައް މަދުކަމާއި ހުރި ދަތިތަކާގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ޙައްލެއް ހޯދުމުގެ ގޮތުން ކުޑަގިރި މިހާރަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ހިދުމަތްތައް ސަރުކާރުން ތަރައްގީ ކުރާނެ ކަމަށެވެ.
މާލެ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ތަރައްގީކުރި ކުޑަގިރި ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ޕިކްނިކް ދާނެ ރަށެއް ހޯދައިދިނުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.