ޚަބަރު

ކުރިން ދައްކާފައިވާ ބިލުތަކުގައި އިތުރުވި ބައި އަންނަ މަހުގެ އުނިކޮށްދޭނަން: ސްޓެލްކޯ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މާލޭގައި ހުންނަ ސްޓެލްކޯގެ ހެޑް އޮފީސް/ ފޮޓޯ: ދެން

މި އޭޕްރީލް މަހު ފޮނުވި ބިލުތަކަށް ގިނަ ބަޔަކު ފައިސާ ވެސް ދައްކާފައި ވަނިކޮށް، ފަހުން އިތުރު ޑިސްކައުންޓް ދޭން ސްޓެލްކޯއިން ނިންމާފައިވާތީ ކުރިން ދައްކާފައިވާ ބިލުތަކުގައި އިތުރުވާ ބައި ދެން އަންނަ މަހުގެ ބިލުން އުނިކޮށްދޭނެ ކަމަށް، އެ ކުންފުނިން ބުނެފި އެވެ.

Ads by STELCO

ރޯދަ މަހު ކަރަންޓު ބޭނުން ކުރާ ނިސްބަތް، އެހެން މަސްތަކަށް ވުރެ އިތުރު ކަން ފާހަގަ ވާތީވެ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ މަގުސަދުގައި އެ ބިލަށް ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވެ އެވެ.

ރައީސް ކަނޑައެޅުއްވި އެ ސިޔާސަތުގެ ދަށުން ސްޓެލްކޯއިން މާޗު މަހުގެ ބިލް ފޮނުވީ ޑިސްކައުންޓް ހިމަނައިގެންނެވެ. ނަމަވެސް އޭޕްރީލް މަހުގެ ކަރަންޓު ބިލު ފުރަތަމަ ފޮނުވީ ޑިސްކައުޓް ނުލަ އެވެ. ފަހުން އެ ކަން އިސްލާހު ކުރަން ރައީސް އޮފީހުން އެންގުމުން ސްޓެލްކޯއިން ވަނީ އާ ބިލު ފޮނުވަން ނިންމައިފަ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީގެ ރަސްމީ 'އެކްސް' އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިރޭގެ ނިޔަލަށް ހުރިހާ ގޭބިސީއަކަށް ޑިސްކައުންޓް ހިމެނޭ ކަރަންޓު ބިލު ފޮނުވާ ނިމޭނެ ކަމަށެވެ. އަދި ކުރީގެ ބިލަށް ފައިސާ ދެއްކި ގޭބިސީތަކަށް އަންނަ މަހު ބިލު ދާނީ އިތުރުވި ބައި އުނިކޮށްފައި ކަމަށެވެ.

"ޑިސްކައުންޓް ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލުތަކުން، ޑިސްކައުންޓް ހިމެނުމުން ފަރަގުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން ޑިސްކައުންޓް ހިމެނުމުން ފަރަަގުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލުތަކުން އުނިކޮށްދޭން ވަނީ ހަމަޖެހިފައި،" އޭނާ ލިޔުއްވާފައިވެ އެވެ.

ސަރުކާރާއި ރައްޔިތުން އެދޭ ފަދަ ހިދުމަތެއް ދިނުމުގައި ސްޓެލްކޯއިން އަބަދުވެސް ދެމިއޮންނާނެ ކަމަށް، މާލެ ސަރަހައްދާއި މާލެ ކައިރި ބައެއް ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!