މެސީ ބާސާގައި މަޑުކޮށްފާނެ ކަމުގެ އިޝާރާތެއް އޭނާގެ ބައްޕަ ދީފި
6 ފަހަރަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކޮށްފައިވާ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ އޭނާގެ މުޅި ކެރިއަރު އެޓީމެއްގައި ހޭދަކުރި ބާސެލޯނާ ދޫކޮށްލަން އުޅޭ ކަމުގެ ހަބަރުތަކުން މުޅި މީސްމީޑިއާ މިދިޔަ ދުވަސްތަކުގައި ވަނީ ފުރިފައެވެ.
ނަމަވެސް މެސީގެ ބައްޕަ އަދި އޭނާގެ އެޖެންޓް ޖޯޖު ވަނީ މެސީ ބާސެލޯނާގައި މަޑުކޮށްފާނެ ކަމަށް ދޭހަވާ ގޮތަކަށް ވާހަކަ ދައްކާފައެވެ. އަދި މެސީ ބާސެލޯނާގައި މަޑުކުރަން އުޅޭ ކަމުގެ އިޝާރާތެއް ވެސް ވަނީ ދީފައެވެ. އެގޮތުން މެސީ ވަނީ އިއްޔެގެ ވަގުތެއްގައި ބާސެލޯނާގެ މެނޭޖްމަންޓާއެކު ބައްދަލުވުމެއް ބާއްވާފައިކަމަށް ވެސް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
މެސީގެ ބައްޕަ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އޭނާގެ ދަރިފުޅުގެ މުސްތަގުބަލާ ބެހޭގޮތުން އެއްޗެއް ބުނަން އޭނާއަށް ނޭނގޭ ކަމަށެވެ. ނަމަވެސް ބާސެލޯނާގެ ރައީސް މާރިއާ ބާޓޮމީ އާ މަޝްވަރާ ކުރާނެ ކަމުގައި ވެސް އޭނާ ވަނީ ކުރިން މީޑިއާތަކަށް މައުލޫމާތު ދީފައެވެ.
މެސީ އުމުރުން 17 އަހަރުން ފެށިގެން ކުޅެމުން އަންނަ ކުލަބަކީ ބާސެލޯނާއެވެ. 2004 ވަނަ އަހަރުން ފެށިގެން މެސީ އަންނަނީ ބާސެލޯނާގެ ސީނިއާ ޓީމުގައި މުހިއްމު ދައުރެއް އަދާ ކުރަމުންނެވެ. އަދި ބާސެލޯނާއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގައި ވެސް މެސީ ވަނީ ބައިވެރި ވެފައެވެ.
މެސީ ބާސެލޯނާ ދޫކޮށް ދާން އުޅުނު ކަމުގައި ވިޔަސް މެސީގެ ޓްރާންސްފާ ކްލޯސް އަކީ 700 މިލިއަން ޔޫއެސް ޑޮލަރެވެ. މެސީ އަށް ފްރީ ޓްރާންސްފާއެއްގައި ޓީމު ދޫކޮށް އެހާ ފަސޭހައިން ނުދެވޭނެ ކަމަށް ލަލީގާ އިންވެސް ވަނީ ބުނެފައެވެ.
މެސީ މެންޗެސްޓަރ ސިޓީއަށް ބަދަލުވެއްޖެ ކަމުގައިވެސް މީޑިއާތަކުގެ ފަލަ ސުރުހީއަށް އެރިއެވެ. އަދި ހަމަ އެހެންމެ ޕީއެސްޖީއަށް ބަދަލުވާން އުޅޭ ކަމުގެ ހަބަރުތަކެއްވެސް ފެތުރުނެވެ. ނަމަވެސް މިއިން އެއްވެސް ވާހަކަ އަކީ ޔަގީން ވާހަކަތަކެއް ނޫނެވެ. ފުޓުބޯޅައިގެ ޓްރާންސްފާގެ ވާހަކަތަކުގެ މިސްރާބު ހުންނަ ގޮތަކީ އަބަދުވެސް މިއީއެވެ.
ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވީ ނަމަވެސް މެސީ ބާސެލޯނާ ދޫކޮށް ގޮސްފިނަމަ ލަލީގާއަށް ވެސް ވަރަށް ބޮޑު ފަޅު ކަމެއް ލިބި ބާސެލޯނާގެ އެތައް ސަޕޯޓަރުންނެއް ރޮއްވާލާނެ ކަން ޔަގީނެވެ. މެސީ ބާސެލޯނާގައި މަޑު ކުރުމަކީ އެ ސަޕޯޓަރުންނަށް ލިބޭނޭ އުފާވެރި ޚަބަރަކަށް ވެގެންދާނެއެވެ.