ބައެއް ސަގާފަތްތައް މާ ރީތިވީމަ، ތިމާގެ އަސްލު ގެއްލޭ: މިނިސްޓަރު
ބައެއް ސަގާފަތްތައް މާ ރީތިވެގެން، ތިމާގެ އަސްލު ގެއްލިގެން އޭގެ އޮއިގައި ޖެހިގެންދާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ނަސީރު މިފަދައިން ވިދާޅުވީ، ވިލާ ކޮލެޖްގެ ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒް އިން ރޭ ބޭއްވި ''މަލްޓި ކަލްޗަރަލް ނައިޓް" ގައި ޝަރަފުވެރި މެހެމާނުގެ ގޮތުން ބައިވެރިވެޑައިގެން އެ ހަރަކާތުގެ ބައިވެރީންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ތިމާގެ ސަގާފަތް ތިމާއަށް ރަނގަޅަށް އެނގި، އޭގެ މާނަ ފުންވި ވަރަކަށް ތިމާއަށް އެހެން ސަގާފަތްތަކުން މާނަތައް ލިބެންފަށާނެ ކަމަށެވެ.
”ސަގާފަތަކީ ލޮލަށް އޮންނަ އެއްޗެއް ނޫން. އެއީ ސކުނޑިއަށް އަދި ފިކުރަށް އޮންނަ އެއްޗެއް. އަދި ލޮލަށް ފެންނަނީ އެއިން ބޭރަށް އަންނަ އެއްޗެއް. އެހެންވީމަ އޭގަ މާނައެއް އޮންނާނެ.
ނަސީރު އިތުރަށް ވިދާޅުވީ، އެގޮތަށް މާނަ ނަގައިގެން ކިޔަން ނޭންގޭނަމަ، މައްސަލަތައް ދިމާވާ ކަމަށެވެ.
''މާނަ ނަގައިގެން ކިޔަން ނޭނގެންޏާ ދިމާވެދާނެ އެއް ކަމަކީ ބައެއް ސަގާފަތްތައް މާ ރީތިވެގެން، ތިމާގެ އަސްލުން ގެއްލިގެން އޭގެ އޮއިގައި ޖެހިގެންދިއުން'' އަނެއް ގޮތަކީ ބައެއް ސަގާފަތްދެކެ ނުރުހުންވެ އިލްމީ ނަރަޒަރަކުން އެއަށް ބަލަން ނޭނގުން ކަމަށާއި މި ދެ ގޮތްވެސް 'ގޯސް' ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި ކަންކަމުން ސަލާމަތްވެ ތިމާ އެހެން ސަގާފަތްތަކާ އެކު ތިމާގެ ސަގާފަތުގައި ދިރިއުޅޭނީ ކިހިނެއްތޯ ވިސްނުން އެއީ މުހިންމު ކަމެއް ކަމަށެވެ.
އަދި ވަޒީރު ވަނީ ދިވެހީންގެ މުއްސަނދި ސަގާފަތް ދިރާސާކޮށް އެއާއެކު އުޅޭ ބަޔަކަށް ދަރިވަރުން ވުމަށް އިލްތިމާސް ކުރައްވާފައެވެ.