އެއާޕޯޓުގައި މާރާމާރީ ހިންގި އެމެރިކާ މީހާއަށް ރާއްޖެއިން ނުފުރޭނެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުންތަކެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި އެމެރިކާ މީހާއަށް ރާއްޖެއިން ނުފުރޭ ގޮތަށް ބަންދުން ދޫކޮށްލައިފި އެވެ.
އެއާޕޯޓުގައި މާރާމާރީ ހިންގި އެމީހާ އިއްޔެ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ބަންދުގެ މުއްދަތު ޖެހުމަށް ހުޅުމާލެ މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން އޭނާ ދޫކޮށްލީ ތިން ޝަރުތަކާއިއެކު އެވެ. އެތިން ޝަރުތުންކުރެއް ޝަރުތަކާއި ހިލާފުވެއްޖެނަމަ އެމީހާ ބަންދު ކުރާނެ ކަމަށް ކޯޓުގެ އަމުރުގައި ވަނީ ބުނެފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެމެރިކާ މީހާގެ މައްޗަށް ޝަރުތު ކޮށްފައިވަނީ ގާނޫނީ ކުށެއް ނުކުރުމާއި, ތަހުގީގަށް ބަޔާން ދިނުމަށް ފުލުހުންނަށް ހާޒިރުވުމާއި އަދި މާލެ ފިޔަވައި އިތުރު ތަނަކަށް ޝަރުތުގެ މުއްދަތުގައި ނުދިޔުމަށެވެ. ޝަރުތުގެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 30 ދުވަހެވެ.
ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި ވީޑިއޯގައި ފެންނަ ގޮތުން އެމީހާ އެއާޕޯޓު މުވައްޒަފެއްގެ ގައިގައި ޖަހަ އެވެ. އަދި އެމީހާ ދުރުކުރަން އެހެން މުވައްޒަފަކު ގޮސް ކޮއްޕައިލުމުން އޭނާގެ ގައިގައިވެސް އެމީހާ ޖަހަ އެވެ.
މާރާމާރީ ހިންގަން މެދުވެރިވީ އެއްވެސް ސަބަބެއް ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ. އެހެންނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އެމީހާ ރުޅި އައީ ލަގެޖުގެ ބަރުދަން އިތުރުވުމުން އިތުރު ބަރުދަނަށް ފައިސާ ދައްކަން އެދުމުންނެވެ.