ޚަބަރު

އެމްއެފްއެމްސީއިން ގާފަރުފަޅުގައި 16 ރަށް ހިއްކައި ރިޒޯޓު ތަރައްގީކުރަނީ

އައިކާ ޔުނާން ، ދެން އޮންލައިން

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އިން ކ.ގާފަރު ފަޅުގައި 16 ރަށް ހިއްކައި ތަރައްގީކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by MWSC

ކާފު އަތޮޅުގައި މިފަދަ ގޮތަކަށް އެއް ފަޅެއްގައި މިހާ ބައިވަރު ރަށްތަކެއް ހިއްކިގެންދާ އެންމެ ފުރަތަމަ މަޝްރޫއު އެމްއެފްއެމްސީއިން ހަވާލުކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ އެޓޯލް ވޯކްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެމްއެފްއެމްސީއިން ބުނީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކާފު އަތޮޅު ގާފަރު ފަޅުގައި 14 ޕްރައިވެޓް އައިލެންޑް އަދި 2 ލަގްޒަރީ ރިސޯޓު ތަރައްޤީކުރުމަށް ޖުމްލަ 16 ރަށް ހިއްކިގެން ދާނެ ކަމަށެވެ. މީގެ އިތުރުން، ކ.ގާފަރުގައި އިތުރު 40 ހެކްޓަރުގެ ބިން ހިއްކަން ވެސް ވަނީ ހަމަޖެހިފައެވެ.

"ޖުމްލަ 106.91 ހެކްޓަރުގެ ބިން ހިއްކިގެންދާ މި ބިޔަ މަޝްރޫޢުއަކީ ކާފު އަތޮޅުގައި މިފަދަ ގޮތަކަށް އެއް ފަޅެއްގައި މިހާ ބައިވަރު ރަށްތަކެއް ހިއްކިގެންދާ އެންމެ ފުރަތަމަ މަޝްރޫއުއެވެ." އެމްއެފްއެމްސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެމްއެފްއެމްސީއިން ބުނީ 35.6 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ހިންގާ މި މަޝްރޫއަށް ދާނީ މިވަގުތު ހިންގަމުންދާ ބިން ހިއްކުމުގެ މަޝްރޫއުތަކަށް ދާ ވަރަށް ވުރެ ކުޑަ ހަރަދެއް ކަމަށެވެ.

"ހިއްކުމުގެ މަސައްކަތަށް 3،747،792 އުބިކް މީޓަރުގެ ވެލި ބޭނުންވާނެކަމަށް އަންދާޒާ ކުރެވޭއިރު، ކިއުބިކް މީޓަރަކަށް 7.8 ޔޫ.އެސް ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 ޔޫ.އެސް ޑޮލަރު ހަރަދުވާނެކަމަށް ބެލެވެއެވެ." ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެފްއެމްސީއިން ބުނީ މި މަޝްރޫއު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ކަމަށްވާތީ, އެޑްވާންސް ޕޭމެންޓު ޕޭމެންޓެއް ދައްކަން ނުޖެހި, ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ.

މަޝްރޫއަށް ދާ ހަރަދު އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ ރަށްތައް ހިއްކައި ނިންމާ، އެރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން ވިއްކައިގެން، އާމްދަނީ ހޯދައިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ,

ގާފަރު ފަޅަކީ ސަރުކާރުން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ތަރައްގީކުރުމަށް އެމްއެފްއެމްސީއާ ހަވާލުކޮށްފައިވާ ފަޅެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!