ޚަބަރު

އަންހެނުން ކުރިއެރުވުމުގެ ނަމުގައި ސަރުކާރުތަކުން އުޅެނީ ދެއްކުންތެރިވާން: ރޮޒައިނާ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

އަންހެނުން ކުރިއެރުވުމުގެ ނަމުގައި އދގެ މުއާހަދާތަކުގައި ސަރުކާރުތަކުން ސޮއި ކުރަމުން ދަނީ ދެއްކުންތެރިވާން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިއަދު އޭނާގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި، ސަރުކާރުތަކުންނާއި ސިޔާސީ ޕާޓީތަކުން ވެސް އަންހެނުން ކުރިއަރުވަން ބޭނުން ނުވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ، އަންހެނުން ކުރިއަރުވާނެ ކަމަށް ބުނެ ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް ދައްކަމުންދަނީ ފޮނި ވާހަކަތަކެއް ކަމަށެވެ. އަދި ސަރުކާރުތަކުން ވެސް އެކަމަށް މަސައްކަތްކުރަނީ ދެއްކުންތެރިކަމުން ކަމަށާއި، ހަގީގަތުގައި އަންހެނުން ބާރުވެރިކޮށް، ކުރިމަގަށް ކަމެއް ކުރަން ޖެހުމުން ދައްކަނީ ބަހަނާ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުތަކުން އދގެ މުއާހަދާތަކުގައި އަންހެނުން ކުރިއަރުވާށޭ ކިޔައިގެން ސޮއި ކުރަނީވެސް ކަން ދައްކަން. ހަގީގަތުގައި ކަމެއް ކުރަން ޖެހުނީމަ އޮންނަނީ ބަހަނާ ދެއްކުން. އެއްވެސް ބަޔަކު ކަމެއް ކުރާކަށް ބޭނުމެއް ނުވޭ،" މިދިޔަ ސަރުކާރު ހިންގި މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ރޮޒައިނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީން ބަލިވެ ޓިކެޓު ނުލިބިދިޔަ ރޮޒައިނާ ވިދާޅުވީ، އަންހެނުން ކުރި އެރުވުމަށް ސަރުކާރުތަކުގެ މާ ބޮޑު މަސައްކަތެއް ނެތް ނަމަވެސް، އެންމެ ގިނަ މަސައްކަތްތަކެއް ކޮށްދެއްވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަމަށެވެ.

ދެން އޮތް ތަނުގައި އެ މަސައްކަތް ދާނީ ހަމަ ފަހަތަށްކަން މިއަދު ސާފުވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!